ދިވެހި ފުޓްބޯޅަ މާކެޓްކޮށް، ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ކުރެވިދާނެ ކަންކަން ބަލައި، މަޝްވަރާކުރުމަށް އޭއެފްސީގެ ޑިވެލޮޕްމަންޓް އޮފިސަރެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްއިން މައުލޫމާތުދޭ ގޮތުގައި، އެ އެސޯސިއޭޝަނުން ހިންގާ ދިވެހި ފުޓްބޯޅަ ލީގު މާކެޓް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ކުރެވިދާނެ ކަންކަން ބަލައި، އެކަމާ ގުޅޭ މަޝްވަރާތައް ފެށުމަށް އޭއެފްސީގެ އެމްއޭ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ޑިވެލޮޕްމަންޓް އޮފިސަރު ޔޮގޭޝް ޑޭސައި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އޭއެފްސީ ލީގު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން އެފްއޭއެމް އާއި ކްލަބުތަކާ މަޝްވަރާކުރުމަށް އޭއެފްސީގެ ޑިވެލޮޕްމަންޓް އޮފަސަރު ޑޭސައި ރާއްޖެ އައުމަށް ހަމަޖެހުނީ އެފްއޭއެމްގެ އެދުމުގެ މަތިންނެވެ.

ފަހަކަށް އައިސް ސަޕޯޓަރުންގެ ފަރާތުން ރާއްޖޭގެ ކްލަބު ފުޓްބޯޅައަށް ލިބެމުންދާ ތަރުހީބު ދަނީ ދަށްވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުރަތަމަ ޑިވިޝަނުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތަށް ސަޕޯޓަރުންގެ ތަރުހީބު ނުލިބޭ ކަމެވެ.