މުހައްމަދު ނަސީމު އަދި ހުސައިން ހަސަން

ކާބޯތަކެތީގެ އަގުތައް އުފުލޭ މައްސަލާގައި މުޒާހަރާ ކުރި މީހުންނާ ސަރުކާރުން ބައްދަލުކޮށް ވާހަކަ ދެއްކި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެމްޑީޕީން މިރޭ ހެދިގޮޑުދޮށުގައި އޮތް ޖަލްސާ ދޫކުރައްވައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވަޑައިގެންފި އެވެ.

ހެދިގޮނޑުދޮށުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވަރަށް ރުޅިވެރިކަމާ އެކު ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އަނިޔާލިބިފައިވާ މީހުންނަށް އިންސާފު ނުލިބިގެން އުޅެނީ ހަމައެކަނި ފަނޑިޔާރުންގެ ސަބަބުން ނޫންކަމަށާއި އެކަމުގައި ސަރުކާރު ވެސް ވަނީ ފަސްޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ތިޔަ ބޭފުޅުންނާ އެކު މަސައްކަތް ކުރީ އަޅުގަނޑުމެންނަށް ލިބިފައިވާ އަނިޔާތަކުގެ އިންސާފު ހޯދުމަށް. އެކަމަކު އެކަން ގަބޫލެއް ނުކުރޭ މިރާއްޖޭގެ ވެރިކަމުގައި އިސްކޮށް ތިބި މީހުން" މޫސަ ވިދާޅުވި އެވެ.

މޫސާ ވާހަކަ ދައްކަވަން ފައްޓަވަމުން ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމް ދޫކޮށްލުމަކީ އޭނާގެ އަމިއްލަ ހިތް ނަގާފައި އެއްލާލުން ފަދަ ކަމެއް ކަމަށާއި މިރޭ އެމްޑީޕީގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ އެހެންވެ ކަމަށެވެ.

ރައީސް ނަޝީދަށް ރައްދު ކުރައްވައި މޫސާ ދެއްކި ވާހަކަފުޅުގައި ވިދާޅުވީ އޭނާ އެމްޑީޕީގެ ޕޯޑިއަމްތަކުގައި މިހާތަނަށް ދެއްކެވި ވާހަކަފުޅުތައް ސަރުކާރުން ވަނީ ގަބޫލު ނުކޮށްފަ ކަމަށެވެ.

މުޒާހަރާކުރަން ނުކުތް މީހުންނަކީ ގައުމު ހަލާކުކުރަން ނުކުތް ބައެއްގެ ގޮތުގައި ސިފަކުރައްވަމުން މޫސަ ވިދާޅުވީ އެމީހުންނާ ވާހަކަ ދައްކައި، ގައުމު ހަލާކު ކުރުމުގެ ފުރުސަތު އެމީހުންނަށް ދިނުމަކީ ފުލުހުންނަށް ވެސް އަދި ރައީސަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ނުދެވޭނެ އެ ފުރުސަތެއް. ފުލުހުންނަކަށް ވެސް ނުދެވޭނެ، ރައީސަކަށް ވެސް ނުދެވޭނެ،" މޫސަ ވިދާޅުވި އެވެ.
މޫސާ ތުހުމަތު ކުރެއްވި ގޮތުގައި އިންސާފުހޯއްދަވައި ދެއްވުމަށް ސަރުކާރުގެ އިސް ބޭފުޅުން ވެސް މަސައްކަތެއް ނުކުރައްވަ އެވެ.

"އަޅުގަނޑުމެން މިދައްކާ ވާހަކަ ގަބޫލެއް ނުކުރޭ. މަގާމުތަކަށް ސަވާރުވެވުނީމަ ތިބެނީ." މޫސަ ވިދާޅުވި އެވެ.
ބޭނުން ވަނީ އިންސާފުކަމަށާއި މަގާމެއް ވެސް ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަމެއް ވެސް ބޭނުމެއް ނޫން ކަމަށް ވިދާޅުވުމަށް ފަހު އެންމެ ފަހުން ވާހަކަ ނިންމަވާލައްވަމުން މޫސަ ވިދާޅުވީ އެހެން ވީމާ ދެން މިވަގުތު ވަކިވެލަނީ ކަމަށެވެ.

އަދި އެއަށް ފަހު ސްޓޭޖުން ފައިބާވަޑައިގެން ރައީސް ނަޝީދާ ސަލާމް ކުރެއްވުމަށް ފަހު ޖަލްސާ ދޫކުރައްވައި މޫސަ ވަޑައިގަތެވެ. އަދި އޭނާ އާ ވާހަކަ ދެއްކުމަށް އެމްޑީޕީގެ ބައެއް އާއްމު މެމްބަރުން މަސައްކަތް ކުރަމުން ދަނިކޮށް މޫސަ ކާރަށް އަރާވަޑައިގެން ވަޑައިގަތީ އެވެ.