29 Apr 2016, 22:41
އިންޑިއާގެ ޖަލުތަކުގައި 82،190 މުސްލިމް ގައިދީން ތިބިކަމަށް އެގައުމުގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ނިޔަލަށް ޖަލުތަކުގައި ތިބި ގައިދީންގެ މައުލޫމާތު އެއްކުރުމަށްފަހު އިންޑިއާ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިންޑިއާގެ އެކި ޖަލުތަކުގައި ހުކުމް ކުރުމެއް ނެތި 59،550 މުސްލިމުން އެބަ ތިއްބެވެ.
އެ އެންމެންނަކީވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައި ތިބި މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖަލުތަކުގައި ތިބި މުސްލިމުންގެ ތެރެއިން ހުކުމް ތަންފީޒު ކުރަމުން ދަނީ 21،550 މުސްލިމުންނެވެ. އެކި މައްސަލަތަކުގައި ސުވާލު ކުރުމަށް 658 މުސްލިމުން ޖަލުތަކުގައި ބަންދުކޮށްފައި ތިބި އިރު، އެހެނިހެން ސަބަބުތަކުގައި ޖަލަށް ލެވިފައި ތިބި 432 މީހަކުވެސް އޭގެތެރޭގައި ހިމެނެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިންޑިއާގެ ޖަލުތަކުގައި ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން 16.38 ޕަސެންޓު ހިއްސާކުރަނީ މުސްލިމުންނެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މުސްލިމުންގެ ޕަސެންޓުވެސް އުޅެނީ 21.05 ޕަސެންޓުގަ އެވެ.
ޖަލުތަކުގައި ތިބި މުސްލިމު ގައިދީންގެ އިންސައްތަ 21 ޕަސެންޓުގައި އުޅުނު ނަމަވެސް، މުޅި އިންޑިއާގައިވެސް މުސްލިމުންގެ އާބާދީ އުޅެނީ، މުޅި އިންޑިއާގެ އާބާދީގެ 14 ޕަސެންޓުގަ އެވެ.