ތަކެތީގެ އަގުމައްޗަށް، ރައްޔިތުން ހަނާވަނީ" އެ ނަމުގައި ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒަހަރާތަކުގައި ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ހަ މީހަކު ފިޔަވައި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހަފްތާއަކަށް ފަހު ޒުވާނުން ކުރަމުން އައި ސިލްސިލާ މުޒާހަރާތައް ސަރުކާރާ މަޝްވަރާކުރުމަށް ކަމަށް ބުނެ ރޭ މަޑުޖައްސާލި އިރު 80 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ބޮޑަތި ކުށްތަކުގެ ރެކޯޑް އޮންނަ ހަތަރު މީހަކު ފިޔަވައި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގިނަ ބަޔަކު ހައްޔަރު ކުރިޔޭ ބުންޏަސް އަސްލު މަދު ބަޔަކު ހައްޔަރުކުރީ. އޭގެ ތެރެއިން ކޯޓުން މުއްދަތު އިތުރުކޮށްދިން 14 މީހެއް. ނަމަވެސް އަޅުގަނޑުމެން ބޮޑަތި ކުށުގެ ރެކޯޓްތައް ހުރި ހަ މީހަކު މި ތިބީ އަދިވެސް ދޫނުކޮށް،" ޝިޔާމް ވިދާޅުވި އެވެ.

ސިލްސިލާކޮށް ދިގުދެމިގެން ދިޔަ މުޒާހަރާތަކުގައި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ހައްޔަރު ކުރި މީހުންނަކީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަދި ޕެޓްރޯލް ބޮމާއި އެފަދަ ތަކެތި ބޭނުން ކުރި މީހުންނާއި އަދި މީޑިޔާގެ ބައެއް ފަރާތްތަކަށް ހަމަލާދިން މީހުންކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.
"ފުލުހުން އެމީހުން ހައްޔަރުކުރީ ކަމެއް ނެތިއެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.

ޒުވާނުންގެ މުޒާހަރާތަށް ދިގުދެމިގެން ގޮސް އާންމު ރައްޔިތުންނާއި ފުލުހުންނާއި އަދި މުދަލަށް ތަފާތު އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.