08 May 2011, 18:41
ދުނިޔޭގެ 22 ގައުމެއްގެ ތިމާވެއްޓާ ބެހޭ ވުޒާރާތަކާއި އެޖެންސީތައް އަދި އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮޖެކްޓް( ޔުނެޕް)ގެ އިތުރުން ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެރިވާ ތިމާވެށްޓާ ބެހޭ ވަށް މޭޒުޖަލްސާއެއް މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.
"އިންޑަސްޓްރީ ރައުންޑް ޓޭބަލް އޮން ޒީރޯ އެންޑް ލޯ ޖީޑަބްލިއުޕީ، އެޗްސީއެފްސީ އަލްޓަނޭޓިވް މީޓިން"ގެ ނަމުގައި މިއަދު މިފެށި ޖަލްސާގައި މަޝްވަރާ ކުރާނީ ޖީޑަބްލިޕީ އާއި އެޗްސީ އެފްސީ ފަދަ އޯޒޯނަށް ގެއްލުންދޭ ގޭސްތަކުގެ ބަދަލުގައި ބޭނުންކުރާނެ ބާވަތްތަކާ ބެހޭ ގޮތުންނެވެ.
ދިވެހި ސަރުކާރުން އިސްނަގައިގެން ބާއްވާ މި ބައްދަލުވުމުގައި ދުނިޔޭގެ ބޮޑެތި އިގުތިސާދުތައް އޮންނަ ގައުމުތައް ކަމަށްވާ ޗައިނާ އާއި އިންޑިޔާ، ޖަރުމަނު ވިލާތް އަދި އެމެރިކާ ބައިވެރިވެ އެވެ.
ޖަލްސާގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އޮފް ހައުންސިން އެންޑް އެންވަޔަރުމަންޓް މުހައްމަދު އަސްލަމް ވިދާޅުވީ ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެއްދެވުމަށް ނިންމެވި ނިންމެވުމަކީ މޮޔަވެގެން ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ ފަސޭހަކަމެއް ކަމަށް ހީކޮށްގެން ވެސް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރާތީ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އަދި އޯޒޯން ޓެކްނޮލޮޖީ ރޯޑްޝޯ ތަރައްގީވަމުން އަންނަ ގައުމެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ މިކަން ވެގެންދާނީ ހަމައެކަނި ޝޯއަކަށް ނޫން ކަމަށެވެ.
"މިއީ ހަމައެކަނި ޝޯއެއް ނޫން. މިކަން ވެގެންދާނީ ރާއްޖެ ( ތިމާވެށްޓާ ރަހުމަތްތެރި ގައުމަކަށް) ބަދަލުވުމުގެ ފެށުން ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
ރާއްޖެ އިން މިފަދަ ކަމަކަށް ގޮވާލުމުން މިހާ ބޮޑު ތަރުހީބެއް ދެއްވީތީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ގައުމުތަކުގެ އިސް ބޭފުޅުންނަށް އަސްލަމް ޝުކުރުއަދާކުރެއްވި އެވެ.
ތިމޭވެށީގެ ވަށްމޭޒު ޖަލްސާއާ ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ތިމާވެށްޓާ ރަހުމަތްތެރި ހަކަތަ ބޭނުން ކުރުމަށް ކިތަންމެ ގިނަ މަސައްކަތެއް ކުރި ނަމަވެސް ޗައިނާ އާއި އިންޑިޔާ ފަދަ ގައުމުތަކުގައި ފޮސިލް ފިއުލްއަށް އޮންނަ ޑިމާންޑް ދަށް ނުދާނެކަމަށެވެ. އަދި ފޮސިލް ފިއުލް ބޭނުން ކުރުން ވީ އެންމެ މަދެއް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
ވަށްމޭޒު ޖަލްސާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔުނެޕްގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޔަން ވޫ ޕާކް އާއި އިންޑިޔާގެ މިނިސްޓްރީ އޮފް ޕަވާގެ ސެކްރެޓަރީ އުމަޝަންކަރު އާއި ރާއްޖޭގައި ހުންނަވާ އދގެ ރެސިޑެންޓް ކޯޑިނޭޓަރު އެންޑްރޫ ކޮޒް ވާހަކަފުޅު ދެއްކެވި އެވެ.
ތިމާވެށީގެ ވަށްމޭޒު ޖަލްސާ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އޯޒޯން ޓޫ ކްލައިމެޓް ޓެކްނޮލޮޖީ ރޯޑްޝޯ ، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުއްވައިދެއްވި އެވެ. ކްލައިމެޓް ރޯޑް ޝޯއަކީ އޯޒޯނަށް ގެއްލުންދޭ ގޭސްތައް ބޭނުން ނުކުރާ ގޮތަށް އުފައްދާފައި ވާ އުފެއްދުންތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.