30 Apr 2016, 09:10
އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާގެ ލޯބީގެ ފުރަތަމަ ބައްދަލުވުމުގެ މައްޗަށް ތައްޔާރުކުރާ ފިލްމް، "ސައުތުސައިޑް ވިތް ޔޫ"ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަދަން ފެށި އެ ފިލްމުގައި ޕްރިމިއާ ކޮށްފައިވަނީ މިއަހަރުގެ ސަންޑޭންސް ފިލްމު ފެސްޓިވަލުގައެވެ. އެ ފެސްޓިވަލުގައި އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
އެ ފިލްމު ޑައިރެކްޓްކޮށް ލިޔެފައިވަނީ ރިޝަޑް ޓޭނާ އަދި ޕްރޮޑިއުސަރަކީ ޖޯން ލެޖެންޑެވެ. މިއީ ޓޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގައި ޒުވާން އޮބާމާގެ ރޯލު ކުޅެފައިވަނީ، ޕާކާ ސޯޔާސް އެވެ. އަދި ޒުވާން މިޝޭލްގެ ރޯލުން ފެނިގެންދާނީ ޓިކަ ސަމްޕްޓާ އެވެ.
މިޝޭލް އާއި އޮޮބާމާ ފުރަތަމަ ބައްދަލުވެފައިވަނީ އެ ދެމީހުން މަސައްކަތްކުރަމުންދިޔަ ޗިކާގޯގެ ލޯ ފާމަކުންނެވެ. އެ ލޯ ފާމުގައި އޮބާމާ މަސައްކަތްކުރަމުންދިޔައީ އެސޯސިއޭޓް އެޓާނީ އެއްގެ ގޮތުގައެވެ. އަދި މިޝޭލް އަކީ އޮބާމާ އާ ހަވާލުވެގެން ހުރި އެޑްވައިޒަރެވެ.
އޮބާމާއާއި މިޝޭލްގެ ގުޅުން ފެށުނީ މެންދުރުގެ ކެއުމަކުންނެވެ. އަދި އެއަށްފަހު ކޮމިއުނިޓީ އޯގަނައިޒޭޝަނެއްގައި މިޝޭލްގެ ހިތް އޮބާމާ އަތުލިއެވެ.
އެމެރިކާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އޮބާމާ އާއި އެމެރިކާގެ ފުރަތަމަ އެފްރިކަން އެމެރިކަންގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ކައިވެނިކޮށްފައިވަނީ، 1992 ވަނަ އަހަރުއެވެ.
އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ.