ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު މެޗުގައި ފަހަތުން އަރައި ޔޫކްރޭނުގެ ޝަޚްތަރުޝަޚްތަރު ޑޮނެސްކް މޮޅުވާން ދަނިކޮށް، ސްޕެއިންގެ ސެވިއްޔާ އިން އެ ޓީމު ހިފަހައްޓައިފި އެވެ.

ޝަޚްތަރުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސެމީގެ ފުރަތަމަ ލެގުގެ މެޗުގައި ޝަހްތަރާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގައި ސެވިއްޔާ އާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ ހަ ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ލަނޑެއްޖަހައި ލީޑު ނަގައިފަ އެވެ. ކެވިން ގަމޭރޯ ދިން ބޯޅައަކުން ސެވިއްޔާއަށް ލީޑު ހޯދައިދިނީ ސްޕެއިން މިޑްފީލްޑަރު ވިޓޯލޯ އެވެ. އޭނާއަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ ފަސޭހަކަމާ އެކު އެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޝަޚްތަރުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޔަރޮސްލާވް ރަކިޓްސްކީ ދިން ރީތި ބޯޅައަކުން ޝަޚްތަރުއަށް ނަތީޖާ ހަމަހަމަކޮށްދިނީ މާލޮސް ރޮމޭރޯ އެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވީ ސެވިއްޔާ ގޯލުގެ ތިރީ ކަނަށެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގައި ސެވިއްޔާ އާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝަޚްތަރުން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. މާލޮސް ނަގައިދިން ހުރަހަކުން ޝަހްތަރަށް ލީޑު ހޯދައިދިނީ ޓަރަސް ސްޓެޕަނެންކޯ އެވެ. އޭނާ ސެވިއްޔާގެ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުން އުފެއްދި ހަަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ޝްހަތަރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަކުރީ ޝަހުތަރުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިޓޯލޯއަށް ފަކުންޑޯ ފެރޭރާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސެވިއްޔާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ކެވިން ގަމޭރޯ އެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގައި ސެވިއްޔާ އާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ

ޔޫރޮޕާ ލީގުގެ ދެވަނަ ލެގުގައި ސެވިއްޔާ އާއި ޝަޚްތަރު ނުކުންނާނީ މި ފެށޭ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ސެވިއްޔާގެ އަމިއްލަ ދަނޑުގަ އެވެ.