29 Apr 2016, 13:37
ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހު ވަގުތު އެޑްރިއަން ޖެހި ލަނޑާ އެކު އިނގިރޭސި ކްލަބު ލިވަޕޫލް އަތުން އެންމެ ފަހުގެ ޗެމްޕިއަން ވިޔަރެއާލް މޮޅުވެއްޖެ އެވެ.
ސްޕެއިންގެ ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ލެގު މެޗުގައި ލިވަޕޫލްގެ މައްޗަށް ވިޔަރެއާލް ކުރިހޯދީ 1-0 ލަނޑުންނެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ވިޔަރެއާލް --- ފޮޓޯ: އޭޕީ
މެޗުގެ ހަ ވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެޑަމް ލަލާނާ ނަގައިދިން ހުރަހަކުން ޖޯ އެލަން އުފެއްދި ހަމަލާ އަމާޒުވީ ވިޔަރެއާލްގެ ގޯލްކީޕަރު ސާޖިއޯ އަސެންޖޯއާ ދިމާލަށެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ވިޔަރެއާލްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޮނަތަން ޑޮސް ސަންޓޯސް ދިން ބޮޅައަކުން ޕިނާ އުފެއްދި ހަމަލާ، ލިވަޕޫލްގެ ގޯލްކީޕަރު ސިމޮން މިގްނޮލެޓް ވަނީ ހުޝިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ވިޔަރެއާލް --- ފޮޓޯ: އޭޕީ
މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް، ވިޔަރެއާލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިޔަރެއާލްއަށް ލިބުނު ކޯނަރަކުން ޑެނިސް ސުއަރޭޒް ނަގައިދިން ހުރަހަކުން ކެޑްރިކް ބަކަމްބޫ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. އޭނާއަށް ބޯޅަ ލިބުނު އިރު، ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ލިވަޕޫލްއިން ނުރައްކާތެރި ހަމަލާއެއް، ވިޔަރެއާލްގެ ގޯލަށް އުފެއްދި އެވެ. ރޮބާޓޯ ފާމީނޯ އުފެއްދި ހަމަލާ، ހުޝިޔާރުކަމާ އެކު ވިޔަރެއާލްގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ވިޔަރެއާލް --- ފޮޓޯ: އޭޕީ
މެޗުގައި ވިޔަރެއާލްއިން ލީޑު ހޯދާފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓުގެ ތެރޭގައެވެ. ޑެނިސް ސުއަރޭޒް ދިން ބޯޅައަކުން ވިޔަރެއާލްއަށް ލީޑު ހޯދައިދިނީ އެޑްރިއަން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
ޔޫރޮޕާ ލީގުގެ ދެވަނަ ލެގުގައި ލިވަޕޫލް އާއި ވިޔަރެއާލް ނުކުންނާނީ މި ފެށޭ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގަ އެވެ.