08 May 2011, 17:55
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް ދެން މާލެ ނޭރުއްވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކަ ކުށްވެރިކޮށް މައުމޫންގެ އާއިލާ އިން ބަޔާނެއް ނެރެފި އެވެ.
މައުމޫންގެ ދެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ދެ ސަފުހާގެ ބަޔާނުގައި، ރައީސް މައުމޫނަށް އަނބުރާ ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށް ރީކޯ މޫސާ މަނިކު މިދިޔަ ހުކުރު ދުވަހު ދެއްކެވި ވާހަކަ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެއްވެސް މީހަކަށް ރާއްޖޭގެ ފަސްގަނޑަށް ނޭރޭނެ ކަމުގެ އިންޒާރު ނުދެވޭނެ ކަމަށާއި "ބޭރު ގައުމުތަކަށް ދަތުރުކުރުމާއި އަމިއްލަ ފަސްގަނޑަށް އެނބުރި އައުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް" ކަމަށެވެ.
ރައީސް މައޫމޫންގެ ދެ ދަރިކަނބަލުން ވިދާޅުވެފައި ވަނީ ސަރުކާރުން އަބަދު ވެސް ގެންދަވަނީ ރައީސް މައުމޫންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމުތައް އަޅުވަމުން ކަމަށާއި ނަމަވެސް އެފަދަ އެއްވެސް އިލްޒާމަކީ ޝަރުއީ ކޯޓަކާ ހަމައަށް ގޮސްފައިވާ ކަމެއް ނޫން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް މައުމޫންގެ ދެމަފިރިކަނބަލުން ތިއްބެވީ ހެޔޮހާލުކޮޅުގައި އިންޑިއާގެ ބެންގަލޫރުގައި ކަމަށާއި ވަރަށް އަވަހަށް ރައީސް މައުމޫން މާލެ ވަޑައިގަންނަވާނެ ކަމަށެވެ.