ބަންގްލަދޭޝްގެ ސުކޫލެއްގައި މަސައްކަތްކުރި ހިންދޫ ދެ ޓީޗަރަކު އިސްލާމް ދީނަށް ފުރައްސާރަކުރުމުން ހަމަސް ދުވަހަށް ޖަލަށް ލާން އެގައުމުގެ ކޯޓުން ހުކުމް ކޮށްފި އެވެ.

އެގައުމުގެ ގާނޫނު ބުނާގޮތުން އެއްވެސް ދީނަކަށް ނިސްބަތްވާގޮތަށް ފުރައްސާރަކުރުމުގެ ގޮތުން ވިޔަސް އަދި އެނޫންގޮތަކަށްވިޔަސް ހަޖޫޖަހައި ވާހަކަދެއްކުމަކީ މަނާކަމެކެވެ.

ބަންގްލަދޭޝްގެ އިރުމަތީ ބަގާހަޓް ކޯޓުން ޖަލަށްލާން ހުކުމް ކުރި ދެ ޓީޗަރުންނަކީ ހިޖްލާ ހައި ސުކޫލުގެ ކްރިޝްނަޕަދާ މޯލީ އަދި އެސިސްޓެންޓް ޓީޗަރެއްކަމަށްވާ އަޝޯކް ކުމާރު އެވެ.

އެމައްސަލަ ފެންމަތިވީ އެ ސުކޫލުގައި ކިޔަވާ ކުއްޖަކު އެ ޓީޗަރުންނާ ބެހޭގޮތުން ކުރި ޝަކުވާއަކާ ގުޅިގެންނެވެ. އެކުއްޖާއާ ހަވާލާދީ ކޯޓުގެ ގާޒީ ބުނެފައި ވަނީ ސުކޫލުގެ ސައިންސް ގަޑީގައި ކިޔަވައިދެމުން ޓީޗަރު ގުރުއާނާއި މާތްﷲ އަށް ނިސްބަތްވާގޮތަށް ބޭއަދަބީ ވާހަކަދައްކާފައިވާ ކަމަށާއި ސުވަރުގެއެއްވެސް ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އެމައްސަލާގައި އިސްލާމް ދީން ގަބޫލުކުރާ ގިނަ އަދަދެއްގެ މީހުންނާއި ސުކޫލުގެ ކުދިން އަދި ސުކޫލުގެ ބައެއް އިސްވެރިންވެސް ވަނީ ވަކިގޮތަކަށް މައްސަލަ ނިމެންދެން އެމީހުން ތަނަކަށްލައި ބަންދުކުރަން ޖެހޭ ކަމަށް ބުނެ އެމީހުންނަށް ދަނޑިއާއި މުގުރު ފަދަތަކެތިން ހަމަލާދީފަ އެވެ.

ބަންގްލަދޭޝްއަކީ މުސްލިމު މެޖޯރިޓީއެއް އޮންނަ ގައުމެކެވެ.