28 Apr 2016, 21:38
ރަށްރަށުން ކަރަންޓް ކެނޑި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ހޯދަން ބޭނުންވާ "ކޮންޓެއިނަރައިޒްޑް ޕަވަހައުސް"ތަކެއް އެ ކުންފުންޏަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ކޮންޓެއިނަރުގައި ހުންނަ މޯބައިލް ފަވަ ސްޓޭޝަން ނުވަތަ ކޮންޓެއިނަރައިޒްޑް ޕަވަހައުސްތަކެއް ސަޕްލައިކޮށްދޭނެ ފަރާތްތަކަށް އެކަމުގެ ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލާފައިވާ ކަމަށެވެ.
އެގޮތުން، އެ މަސައްކަތާ ގުޅޭ ބިޑް ޑޮކުއިމަންޓް ބަލައިގަތުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު ލިބޭނީ ހަމައެކަނި ޝައުގުވެރިކަން ފާޅުކުރާ ނުވަތަ އެކްސްޕްރެސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާ ފަރާތްތަކަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ ޓެންޑާ އެންޑް ފޮރިން ޕާޗޭސް ޑިވިޝަންގެ ރަސްމީ މެއިލް އަށް ނުވަތަ ކުންފުނީގެ އޮފީހަށް ގޮސް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.
ކޮންޓެއިނަރައިޒްޑް ޕަވަހައުސް"ގެ އެހީގައި މެދުވެރިވާ ކަމަކުން ނުވަތަ ހިނގާ ހާދިސާއެއްގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެ ނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭނެ އެވެ.
ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކޮންޓެއިނަރައިޒްޑް ޕަވާ ހައުސް އެއް ގެނައުމަށް ނިންމާފައިވާކަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.