މުމްބާއީ،އިންޑިއާ (28 އޭޕްރީލް) - އިންޑިއާގައި ބޭސްއުފައްދާ އަދި ވިއްކާ ކުންފުނިތައް ބައިވެރިކޮށްގެން ހިންގާ އައިފެކްސް އެގްޒިބިޝަން 2016 ފަށައިފި އެވެ.

އިންޑިއާގެ މުމްބާއީގައި އިއްޔެ ފެށި އެ އެގްޒިބިޝަނަކީ ސިއްހީ ދާއިރާއިން އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަންގެ ތެރޭގައި ހިމެނޭ އެގްޒިބިޝަންއެވެ. އެގޮތުން މިއަހަރުގެ އައިފެކްސް އެގްޒިބިޝަންގައި ޖުމްލަ 290 ސްޓޯލް ހިމެނެ އެވެ.

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ އެގްޒިބިޝަންއަށް ޒިޔާރަތްކުރުމަށް 110 ގައުމަކުން 600 މީހުން ވަނީ އިންޑިއާގެ މުމްބާއީއަށް އައިސްފައެވެ.

އައިފެކްސް އެގްޒިބިޝަންގެ ތެރެއިން --- ސަން ފޮޓޯ/ އާދަމް ނަޒީރު

އެގްޒިބިޝަން އިންތިޒާމްކުރާ ފަރާތުން ވަނީ ދިވެހި ސަރުކާރު ހިއްސާވާ އެސްޓީއޯ އަށް ވެސް މި އެގްޒިބިޝަނަށް ޒިޔާރަތްކޮށް، ބޭހާ ގުޅޭ މައުލުމާތު އޮޅުން ފިލުވައި ބޭސް އުފައްދާ ކުންފުނިތަކާއި ބައްދަލުކުރުމުގެ ފުރުސަތު ދީފައެވެ.

މި އެގްޒިބިޝަން އިންތިޒާމްކުރާ އައިފެކްސްގެ އޮފިޝަލެއް 'ސަން' އާ ވާހަކަދައްކަމުން ވިދާޅުވީ، އައިފެކްސް އެގްޒިބިޝާން އަކީ ޑްރަގްސް އަދި ސިއްހަތާއި ބެހޭ އެންމެން އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ ގޮތުން ބާއްވާ އެގްޒިބިޝަން އެއް ކަމަށެވެ.

"މިއީ އިންޑިއާގައި ބާއްވާ މިކަހަލަ ސިއްހަތާ ބެހޭ ފޯރަމްތަކާ އެގްޒިބިޝަންތަކުގެ ތެރެއިން އެންމެ ބޮޑުކޮށް ބާއްވާ އެގްޒިބިޝަން،" އައިފެކްސްގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ، މި އެގްޒިބިޝަންގައި ފާމަސީ ތަކުން ވިއްކާ ބޭސް އެހެން ގައުމުތަކަށް ފޮނުވޭނެ އަގުތަކާއި އަދި އެ ބޭސް ގަނެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އައިފެކްސް އެގްޒިބިޝަންގެ ތެރެއިން --- ސަން ފޮޓޯ/ އާދަމް ނަޒީރު

"އަހަރެމެން މި އެގްޒިބިޝަން އަށް އައުމުގެ ދައުވަތު މި ދެނީ ކޮންމެ ގައުމެއްގައި ވެސް ބޭސް ވިއްކާ ފާމަސީތަކަށް. އެމީހުން މިތަނަށް އައިމަ އިންޑިއާގެ ބޭސް ވިއްކާ ކުންފުނިތަކާއެކު އެއްބަސްވެ ބޭސްގަތުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" އޮފިޝަލު ވިދާޅުވި އެވެ.

މިއީ އައިފެކްސް އެގްޒިބިޝަން ބާއްވާ ހަތަރު ވަނަ ފަހަރެވެ.

މިދިޔަ އަހަރު ބޭއްވި އެގްޒިބިޝަންގައި 300 ސްޓޯލް އެއް ބައިވެރިވެފައިވެ އެވެ. އަދި އެގްޒިބިޝަން ނިމުނުއިރު މުޅި ޖުމްލަ 19000 މީހުން ވަނީ އެ އެގްޒިބިޝަނަށް ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ އެގްޒިބިޝަނަށް 25000 މީހުން ޒިޔާރަތްކުރާނެ ކަމަށް އައިފެކްސް އިން ލަފާކުރެ އެވެ.