28 Apr 2016, 21:00
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު ފިހިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެމުން އެފްއެސްއެމްގެ ލޮޖިސްޓިކަލް އަދި އޮޕަރޭޝަންސްގެ އިސްވެރިޔާ ހަސަން ޒަރީރު ވިދާޅުވީ، މިއަދު މެންދުރުފަހު 2:30 ގައި ހިނގި އެ ހާދިސާގައި ޒަހަމްވެފައިވަނީ މާލޭ ބަނދަރުގައި އޮތް އެ ކުންފުނީގެ "ބަރުޖޯރާ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރު މަރާމާތުކުރަން އުޅުނު އިންޑިއާ މީހެއް ކަމަށެވެ.
އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. ހާދިިސާގައި އޭނާގެ އަތާއި މޫނު ހިމެނޭ ގޮތަށް ގައިގެ 15 ޕަސެންޓް ފިހިފައިވާ ކަމަށާއި ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހާދިސާ ހިނގި އިރު ބިދޭސީ މީހާއިރު ތެޔޮ ޓޭންކަރުގެ ޑެގް މަތީގައި ގޭސް ކަޓަރެއް ބޭނުންކޮށްގެން މަސައްކަތެއް ކުރުމަށް ކަމަށެވެ. އަދި ތެޔޮ ހުސްކޮށްފައި އޮތް އެ ޓޭންކަރުގައި އެ ހާދިސާ ހިނގާފައިވަނީ ކޮންމެވެސް ކަހަލަ ގޭހެއް އުފެދިގެން ކަމަށް ބެލެވޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނު ނުނަގަންވާތީ ހޮސްޕިޓަލުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.