28 Apr 2016, 19:15
މިރެއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު މާލެ އާއި މާލެ ހިމެނޭ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ ދުވަސްތަކުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމާފައިވަނީ މި ހަފްތާ ބަންދަކީ އާއްމު ހަފްތާ ބަންދުތަކަށްވުރެ އިތުރު ދުވަހެއް ހިމެނޭ ބަންދަކަށް ވާތީ ކަމަށެވެ.
އަންނަ އާދީތައް ދުވަހަކީ މަސައްކަތްތެރިންގެ ދުވަސް ކަމުން، އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.
ސެންޓަރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އެ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތުން ކަނޑައެޅޭ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ އިތުރުން އުޅަނދުތައް ވެސް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތުން، އޮޕަރޭޝަން ކުރިއަށްދާއިރު، ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރުމުގެ އިތުރުން އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކިން ޕޮއިންޓް ޖަހައި އުޅަނދުތައް ބަލައި ފާސްކޮށް ހަދާނެ އެވެ. އަދި ބޭނުމެއްނެތި ރޭގަނޑުގެ ވަގުތުތަކުގައި މަތުމަތީ އުޅޭ މީހުން ހުއްޓުވައި ސުވާލުކޮށް ތުހުމަތުކުރެވޭ މީހުން ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
ނަވީން ވިދާޅުވީ، މިރެއިން ފެށިގެން ފުލުހުން ހިންގާ އޮޕަރޭޝަނަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ކުށުގެ މާހައުލު ނައްތާލަން ކުރާ މަސައްކަތް ދެމެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ އޮޕަރޭޝަނެއް ކަމަށެވެ.