28 Apr 2016, 20:55
މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގު ނުކޮށް ފޮނުވާލާފައި އޮތް ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށް ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އުފެއްދުމަށް ބަޔާންކުރާ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު 2011 އަހަރު އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ ބިލު ދެ ފަހަރެއްގެ މަތިން މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުން، އެ ބިލު އަނބުރާ ފޮނުވާލީ މަޖިލީހަށެވެ. އޭގެ ފަހުން ރައީސް ޔާމީން ވަނީ އެ ބިލު އެއްފަހަރު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފަ އެވެ.
ރައީސް ޔާމީން މިއަދު އެ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ގާނޫނެއްގެ ގޮތުގައި ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވިފަ އެވެ. ނަމަވެސް އެ ބިލަށް އަމަލުކުރަން ފާށާނީ ގެޒެޓުގައި ޝާއިއުކުރާތާ ހަމަސް ފަހުންނެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި ޕޭ ކޮމިޝަނެއް އުފައްދަން ޖެހެ އެވެ. ޕޭ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަންގެ ރައީސްއަކަށް އަޔަން ކުރަންވާނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމަށާއި ކޮމިޝަންގެ އައްޔަން ކުރާ ފަސް މެންބަރުން ވެސް މަގާމުގައި ދެމިތިއްބަވާނީ ފަސް އަހަރު ދުވަހަށެވެ. ފަސް މެމްބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ޕާޓްޓައިމް އުސޫލުން މަސައްކަތް ކުރާ މެންބަރުން ކަމަށް ބިލުގައި ބަޔާން ކުރެ އެވެ. އެ ކޮމިޝަންގެ މެންބަރުންނަށް މުސާރަ ކަނޑައަޅުއް ވާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޭ ކޮމިޝަންގެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީވެފައި އޮތަސް، އެ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.
ހަތާވީސް މާއްދާއެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި "ކޮންސިއުމާ ޕްރައިސް އިންޑެކްސް"އާ ވަޒަން ހަމަ ކުރާ މުސާރައެއް ކަނޑައަޅަންވާނެ އެވެ. އަދި އިންފްލޭޝަނަށް އިންޑެކްސް ކުރެވޭ މުސާރައަކަށް ދައުލަތުގެ މުސާރަ ވާން ޖެހޭނެ ކަމަށާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.