28 Apr 2016, 18:06
ދެމަފިރިން ވަކިވުމުން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމަށް އާއިލާއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ދެމަފިރިން ވަކިވުމުން މުދާ ބަހަންޖެހޭ އިސްލާހު ރައީސް ޔާމީން ތަސްދީގު ކުރެއްވުމާއި ގުޅިގެން މިއަދު ގެޒެޓުގައި ވަނީ ޝާއިއުކުރެވިފަ އެވެ. ނަމަވެސް ގާނޫނުގައި ބުނެފައިވާގޮތުން އެ އިސްލާހަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ ހަމަސް ފަހުންނެވެ. އެއީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ވަރިކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ނުވަތަ ކައިވެނި ރޫޅައި ދިނުމުގެ ކުރިން ނުވަތަ ވަރި ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކައިވެނިކުރާ އިރު، އެ ކައިވެނީގައި ހިމެނޭ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް، ދެފަރާތުގެ ދެމެދުގައި ލިޔުމަކުންވެވޭ އެއްބަސްވުމެއްގައި ހިމަނަންވާނެ ކަމަށެވެ. އަދި އެ އެއްބަސްވުން އެކުލަވައިލަން ވާނީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ދެމަފިރިން އެކުގައި އުޅުނު އިރު ހޯދާފައިވާ މުދަލެއް އަދުލުވެރި ގޮތެއްގައި ކޯޓުން ބަހަން ޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކައިވެނި ރޫޅޭ ހާލަތުގައި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި މެދު އަމަލުކުރާނެ ގޮތަކާއި މެދުގައި ހިލާފުވެއްޖެ ހާލަތެއްގައި ކަމަށެވެ.
މުދާ ބަހާއިރު ކޯޓުން ބަލަންޖެހޭ ކަންކަން:
- ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއްވާނަމަ އެ ފައިސާއެއް ނުވަތަ މުދަލުގެ މިންވަރު ކަނޑައެޅުން.
- އެ ފައިސާއިން ނުވަތަ މުދަލުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައެޅުން.
ބިލު ހުށަހެޅުއްވި ސަބަބުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ކައިވެނި ރޫޅުމުން އާއިލާ ނިކަމެތި ވެދިޔުމުގެ ފުރުސަތު ކުޑަކުރުން" ވައުދުގެ ދަށުން ކައިވެނި ރޫޅުމަށްފަހު އަންހެނުންނަށް ލިބޭ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.
ސަރުކާރު މެނިފެސްޓޯގެ "ކައިވެނި ރޫޅިއްޖެ ނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްގު ހިއްސާ ހޯދައިދޭނަން" ވައުދުގެ ދަށުން ދެމަފިރީން އެކުގައި މުދާ ހޯދާފައި ވަނިކޮށް ކައިވެނި ރޫޅިއްޖެނަމަ އެ މުދަލުގައި ދެފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާ އުސޫލުތައް ވެސް މި ބިލުގެ ދަށުން ގާއިމް ކުރެވޭނެ އެވެ.