ރާއްޖެ ޓީވީ އިން ގެނެސްދެމުން އަންނަ "ފަލަ ސުރުޚީ" ޑިލޭއަކާ އެކު ނޫނީ ދެން ބްރޯޑްކާސްޓް ނުކުރުމަށް އެންގުމަށާއި އެ އިންތިޒާމް ހަމަޖެއްސެން ނެތް ނަމަ އެ ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުން މި ހިނދުން މި ހިނދަށް ހުއްޓާލަން އެންގުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން އިން ނިންމައި އެ ސްޓޭޝަނަށް އެކަން އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައި ވަނީ ރާއްޖެ ޓީވީ އިން މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމްގައި އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދުގެ އިންޓަވިއުގައި ސަރުކާރުގެ އިސްވެރިންނާ ބެހޭ ގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަތައް ދައްކާފައިވާ ކަމަށާއި އަދި ރައީސް އާއި ރައީސްގެ އަނބިކަނބަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ސާބިތުނުހިފޭ ވާހަކަތަކުގެ މައްސަލަ ބަލައިދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ކަމަށެވެ.

މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ވަނީ އެ ޕްރޮގްރާމުގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓްގެ ސަބަބުން އެ ފަރާތްތަކުގެ އަބުރާއި އިއްޒަތަށް އުނިކަން އަންނާނޭ ކަމަށް ފެންނަ ކަމަށާއި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފު ކޮންޓެންޓެއް ކަމަށެވެ.

އެހެންކަމުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން މައާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި އެ ބަޔާން، އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ރޭގަނޑު 08:00 އާއި 08:30އާ ދެމެދު ރާއްޖެ ޓީވީ އިން އާންމުކުރުމަށް ރާއްޖެ ޓީވީ އަށް ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން ފެބުރުއަރީ ނުވަ ވަނަ ދުވަހު ރާއްޖެ ޓީވީ އިން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމުގައި އެމްޑިޕީގެ ޗެއަ ޕާސަން އަލީ ވަހީދު ދެއްކެވި ވާހަކައިގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާ ކަމަށާއި އަދި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓްކުރަމުން ގެންދިއުމާއި އެކަން އިސްލާހުކުރުމަށް ޕްރެޒެންޓާ މަސައްކަތްކޮށްފައި ނުވާކަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފު ކަމެއް ކަމަށާއި އެފަދަ ކޮންޓެންޓެއް އޮންއެއަވުމުގެ ފުރުސަތު ނުދިނުމަށް ޓަކައި، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ "ފަލަސުރުހީ" ޕްރޮގްރާމް ދެން ބްރޯޑްކާސްޓްނުކުރުމަށް، ރާއްޖެ ޓީވީއަށް އެންގުމަށް ވަނީ ކަނޑައަޅާފަ އެވެ.

"ޑިލޭއެއް ލައިގެން "ފަލަސުރުހީ" ޕްރޮގްރާމް ބްރޯޑްކާސްޓްކުރުމުގެ އިންތިޒާމް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ހަމަޖެއްސެން ނެތް ކަމުގައި ވާނަމަ "ފަލަސުރުހީ" ޕްރޮގްރާމް ބްރޯޑްކާސްޓްކުރުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 4ގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ." ޝަކުވާ ނިންމި ގޮތުގެ ބަޔާނުގައިވެ އެވެ.

އެގޮތަށް ނިންމާފައި ވަނީ ބްރޯޑްކާސްޓްކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ އެ ކޮމިޝަންގެ ޒިންމާއަކަށް ވެފައި، އެފަރާތަކުން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކަށް އެފަރާތަކުން ޒިންމާވާން ޖެހޭ އިރު، އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ޓަކައި އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަވުމުގެ ފުރުސަތު ނުދިނުމަށް ޓަކައި ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ސްރީލަންކާގެ ފާދިރީއެއް ކަމުގައިވާ އަސޭލާ ވިކްރަމަ ސިންހަ މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ޑޮކިއުމެންޓްރީއެއް ބްރޯޑްކާސްޓު ކުރި މައްސަލާގައި ވެސް މައާފަށް އެދުމަށް އެ ކޮމިޝަނުން ވަނީ ރާއްޖެ ޓީވީއަށް އަންގާފަ އެވެ.

އަދ ިސަންގު ޓީވީ އިން "ސަންގު ބަހުސް"ގެ ނަމުގައި ގެނެސްދޭ ސިޔާސީ ބަހުސް ޕްރޮގްރާމް މުޖުތަމައުގެ އަހުލާގީ މިންގަނޑާ ހިލާފު ނުވާގޮތަށް ބްރޯޑްކާސްޓު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.