ގދ ގައްދޫ ޒަންބީލް ފިހާރައިން ގިނަ އަދަދެއްގެ މުދާވަގަށް ނެގި މީހަކު ތިންމަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އެމައްސަލާގައި ތިން މަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ގދ. ގައްދޫ ދިލާވަރުގެ އަލީ ޝަމްޒޫން އެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ގައްދޫ ޒަންބީލް ފިހާރަ އިން ވަގަށް ނެގި މަމީ ނޫޑްލްސް ކޭހަކާއި ޓޮމާޓޯ ކޭހަކާއި މައިލޯ ޕެކެޓް ކޭހެއްގެ އިތުރުން އަލްމުދިޝް ކިރުޕެކެޓެއް އަދި 18 ލިޓަރުގެ ކުކިންގް އޮއިލް ތެޔޮ ހަމެއްގެ މައްސަލާގަ އެވެ.

ޒަންބީލު ފިހާރައަށް ގެންދާ މުދަލުގައި ނަމަކަށް "ގދ. ގައްދޫ މާރިޔާ" ޖަހާފައި އިންނާނެ ކޯޓުގައި އެރަށު މީހަކުވަނީ ހެކިބަސްދީފަ އެވެ. އަދި ޝަމްޒޫން ގެންގުޅުނު މުދާތަކުގައި ވެސް އެގޮތަށް ލިޔެފައިވާ ކަމަށް ހެކިވެރިޔަކު ވަނީ ކޯޓުގައި ބުނެފަ އެވެ.

އެމައްސަލަ ނިންމަައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ 27 ޖެނުއަރީ 2012 ދުވަހު ޝަމްޒޫން ޒަންބީލް ފިހާރައިން އެތަކެތި ނެގުމަށް ފަހު ވިއްކަން އުޅުނު ކަމަށާއި އެތަކެތި ގަންނާނަންތޯ އެ ރަށު ބައެއް މީހުން ކައިރީ އެހިކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

ޝަމްޒޫން ޖަލަށްލާން ހުކުމްކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރާއި 210 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރާއި 1104 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި އެމާއްދާގެ (ށ) އަށް ހަވާލާދީ އެގާނޫނުގެ 1002 ވަނަ މާއްދާގެ ދަށުންނެވެ.