އަޑިޕާކްގައި ޖަހާފައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތަކުގެ ތެރެއިން އެންޓަނާއެއް ވެއްޓި އެ ސްޓޭޝަންގެ ޚިދުމަތަށް ބުރޫއަރާފައި ވަނިކޮށް އެ މައްސަލަ ހައްލުކޮށް ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ދޭން ފަށައިފި އެވެ.

އެންޓަނާ ވެއްޓިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެއާއެކު ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކެނޑިފައެވެ. ހަމައެއާއެކު މީޑިއަމް ވޭވް މެދުވެރިކޮށް ހިދުމަތް ދިނުމަށް މައްސަލަތަކަކާއި ކުރިމަތިވިއެވެ.

ޕީއެސްއެމްގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ ރަމީޒު "ސަން"އަށް މިއަދު ވިދާޅުވީ އެންޓަނާ ވެއްޓުމުން ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އެހެންކަމުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެ ސްޓޭޝަންގެ ހިދުމަތް މިހާރު ލިބިގެންދާނެ ކަމަށެވެ.

އެހިދުމަތް އަލުން ދޭން ފަށާފައިވަނީ އިތުރު އެންޓަނާއެއް ނުނަގައި އިތުރު ޓެކްނިކަލް އެހީތައް ބޭނުންކޮށްގެން ކަމަށްވެސް ރަމީޒު ވިދާޅުވިއެވެ.

އަޑިޕާކްގައި ޖަހާފައިހުރި އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވެސް މީގެ ކުރިން ވަނީ އަންގާފަ އެވެ.