08 May 2011, 12:30
ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓޭއިރު ސަރުކާރުން ޑޮލަރުގެ އަގު ބޮޑުކުރުމުން ބޭރު ގައުމުތަކުގައި ކިޔަވާ ދިވެހި ކުދިންނަށް މާލީ ބޮޑަތި ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެ ކުދިންނާއި އެ ކުދިންގެ އާއިލާތަކުން ބުނަން ފަށައިފި އެވެ.
ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ތިރިވަމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު މިވަނީ 15.42ރ އަށް ބޮޑުކޮށްފަ އެވެ. އެއާ އެކު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދިޔުމުގެ އިތުރުން އެންމެ ބޮޑަށް ނޭދެވޭ އަސަރެއް ކުރަނީ ބޭރު ގައުމުތަކުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށެވެ.
ގިނަ ދިވެހި ކުދިން ތައުލީމު ހާސިލްކުރާ މެލޭޝިޔާގައި މީގެ މަހެއްހާ ދުވަސް ކުރިން ޑޮލަރެއްގެ އަގު 3.20 ރިންގެޓްގައި ހުއްޓަސް މި ހަފްތާ ތެރޭގައި ޑޮލަރުގެ އަގު ވަނީ 2.70 ރިންގެޓަށް ތިރިވެފަ އެވެ. އެއާ އެކު ރާއްޖެ އިން ބޮޑު އަގުގައި ގަނެގެން ފޮނުވާ ޑޮލަރުން ދެ ބައިކުޅަ އެއްބައި ގެއްލޭ ކަމަށް އެ ކުދިން ބުންޏެވެ.
"ބެލެނިވެރިން ބޮޑު އަގުގައި ޑޮލަރު ގަނެގެން ފޮނުވީމާ ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓޭތީ އޭގެން ޑަބަލް އެބަ ގެއްލޭ. އަސްލު މިތަނަށް ކިޔަވަން އަންނަނީ ފުދިގެން އުޅޭތީއެއް ނޫން. އޭގެން ޑަބަލް ގެއްލުނީމާ އެވީ ބޮޑު ގެއްލުމެއް." ދިވެހި ކިޔަވާކުދިންގެ ފަރާތުން ވާހަކަ ދައްކަމުން މެލޭޝިޔާގެ ހެލްޕް ޔުނިވާސިޓީ ކޮލެޖްގައި އެކޮނޮމިކްސް އެންޑް މެނޭޖްމަންޓްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ރިމާހް ރުޝްދީ، 20 ބުންޏެވެ.
ގިނަ ދިވެހިން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ އަވައްޓެރި ލަންކާގައި ވެސް މި ހަފްތާ ފެށުނު އިރު ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް ތިރިއަށް ގޮސްފަ އެވެ. އެއީ ކުރިން 113 ރުޕީސްގައި ހުރި ޑޮލަރުގެ ރޭޓް މި ހަފްތާ ތެރޭ ވަނީ 109 އަކަށް ތިރިވެފަ އެވެ. އެއާ އެކު ލަންކާގައި ތިބި ދިވެހި ކިޔަވާކުދިން ޔުނިވާސިޓީއަށް ދައްކަން ޖެހޭ ފީ އާއި ޑޮލަރު ނުލިބުމުން ބޭންކަށް ޑިޕޮސިޓް ކުރަން ޖެހޭ ފައިސާ އިތުރުވެފައިވާ ކަމަށް ބުނެ ލަންކާގައި ކިޔަވައި ދިވެހި ކުދިން އަންނަނީ ޝަކުވާ ކުރަމުންނެވެ.
"ކުރިން 6000 ދިވެހި ރުފިޔާ ޑިޕޮސިޓް ކުރިއަސް 7000ރ. ޑިޕޮސިޓް ކޮށްގެން މިހާރު ވަނީ. އެއީ ރުފިޔާ ރާއްޖެ އިން މި ލިބެނީ. ޑޮލަރެއް ނުލިބޭ. އެހެންވެ މިހާރު ކޮލެޖް ފީވެސް 60 ޑޮލަރު ބޮޑުކޮށްދައްކަން ޖެހެނީ. އަދި އިތުރަށް މި ކޮޅުގައި ޑޮލަރުގެ އަގު ދައްވާނެ ކަމަށް ބުނޭ،" ލަންކާގެ އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީގައި އިލެކްޓްރިކް އިންޖިނިއަރިންއިންގައި މަތީ ތައުލީމު ހާސިލް ކުރާ މުހަންމަދު، 25 ބުންޏެވެ.
މެލޭޝިޔާގައި ކިޔަވާ ކުދިންގެ އެހެން މައްސަލައެއް ވެސް އެބައޮތެވެ. އެއީ އޭޓީއެމްތަކުން ދުވާލަކު 200 ޑޮލަރު ވެސް ނުނެގޭ މައްސަލަ އެވެ.
"އަދި މިހާރު އޭޓީއެމްތަކުން 200 ޑޮލަރު ވެސް ދުވާލަކަށް ނުނުގޭ. އެހެންވެ މަސް ދުވަސް ކުރިން އެކި ދުވަސްމަތިން ނަގަމުން ގޮސް ޔުނިވަސިޓީ ފީ ކިރިޔާ މަސްނިމެން ވާއިރަށް ހަމަވަނީ. އަދި އެދުވަސްވަރު ޑޮލަރުގެ އަގު މިހުންނަނީ ދަށްވެފައި،" ރިމާހު ބުންޏެވެ.
ބޭރުގައި ތައުލީމް ހާސިލްކުރާ ދިވެހިންނަށް ބޮޑަތި ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ އިރު ހަމަ އެ ކުދިންނެކޭ އެއްފަދައިން ބޭސްފަރުވާ އާއި އެހެނިހެން ބޭނުންތަކަށް އެގައުމުތަކަށް ދަތުރުކޮށް އުޅޭ ފަރާތްތަކަށް ނުހަނު ބޮޑަތި ގެއްލުންތައް ލިބޭ ކަމުގެ ޝަކުވާ އެ ފަރާތްތަކުން ވެސް އަންނަނީ ކުރަމުންނެވެ.
ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ތިރިވަމުން ދާއިރު ރާއްޖޭގެ ބާޒާރުގައި ކާބޯޓަކެތީގެ އަގުތައް ވަނީ މައްޗަށް އުފުލިފަ އެވެ. އަދި ރާއްޖޭގައި ދައުރުވާ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ނުވަނުމުން މިހާރު އޮތް 20 ޕަސެންޓް ބޭންޑްގެ މަތީގައި އިތުރު ކަޅު ބާޒާރެއް އުފެދިފައިވާ ކަމުގެ ޝަކުވާ އާންމު ރައްޔިތުން އަންނަނީ ކުރަމުންނެވެ.
ޒަމާނުއްސުރެ ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި ޑޮލަރު ހަމަ އަގުގައި ބެހެއްޓުމަށް ކަމަށް ބުނެ މިދިޔަ މަހު ކުރީކޮޅުން ފެށިގެން ޑޮލަރު ގަނެ ވިއްކާ އަގު ސަރުކާރުން ވަނީ 10.28ރ. އާއި 15.42ރ. އާ ދެމެދަށް ޕެގްކޮށްފަ އެވެ.
އެކަމާ ހިތްހަމަނުޖެހިގެން ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން އިސްވެތިބެ ވަނީ ބޮޑަތި މުޒާހަރާތަކެއް ނުވަ ރޭ މަތިން ކުރިއަށް ގެންގޮސްފަ އެވެ. އެއާ އެކު ސަރުކާރުން މިހާރު ވަނީ އިގުތިސޯދީ ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަން ހާމަކޮށް މުޒާހަރާ ކުރާ މީހުންނާ ވާހަކަދައްކަން ނިންމާފަ އެވެ.