އަތޮޅު ތެެރޭގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި ކުވޭތު ސަރުކާރުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު ކުވޭތުގެ އާ ސަފީރު ޚަލަފް އެމްއެމްބޫ ދުޚައިރުއާ އެކު ރައީސް އަބްދުﷲ ޔާމީން މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ޚަލަފް އެމް އެމް ބޫ ދުޚައިރުގެ ސަފީރުގެ ފަތްކޮޅު ރައީސަށް އެރުއްވުމަށް ފަހު މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ސަފީރު ވަނީ ކުވޭތު ސަރުކާރުން ރާއްޖެ އަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި، ރާއްޖެއާއި ކުވޭތާ ދެމެދު ގާއިމުކުރެވިފައިވާ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ކުވޭތުގެ އާ ސަފީރު ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގައި ކުވޭތުގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ގާއިމުކުރުމުގައި ކުވޭތު ފަންޑުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ އިގްތިޞާދީ ތަރައްގީގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ކަމުގައި ވިދާޅުވެ، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ރައީސް ވަނީ ސަފީރަށް އަރުވައިފަ އެވެ.

ކުވޭތު ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޚަލަފް އެމް. އެމް. ބޫ ދުޚައިރުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އެރުއްވުން -- ފޮޓޯ: ރައީސް އޮފީސް

އަދި ރާއްޖޭގެ ވިޔަފާރިއާއި އެކްސްޕޯޓްގެ ދާއިރާ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލައްވައި އެ ދާއިރާތަކުން ރާއްޖެ އާއި ކުވޭތާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް، ކުވޭތުގެ ސަފީރާ އެކު ރައީސް މަޝްވަރާކުރެއްވި އެވެ.

އަތޮޅު ތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ސަފީރާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގައި އެންމެ ބޮޑަށް ދަތިވެފައިވަނީ ސާފު ބޯފެން ނުލިބުމާއި، ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމުވެފައި ނެތުން ކަމަށެވެ. އެހެންކަމުން އެ ކަންކަން ހައްލު ކުރުމުގައި ކުވޭތު ސަރުކާރުން ރާއްޖެއަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އޭގެ އިތުރުން ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި އެ ކަންކަން ހައްލު ކުރުމުގައި އިސްލާމީ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރާއްޖެއާއި ކުވޭތާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ފާހަގަ ކުރައްވައި، ކުރިއަށް އޮތްތާނގައި އެގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.