ސަރުކާރުން ހުޅުވާލާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރައްވައިފި އެވެ.

އެ އިސްލާހު ރައީސް ޔާމިން ތަސްދީގު ކުރެއްވުމާއި ގުޅިގެން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވިފަ އެވެ. ގާނޫނު ބުނާގޮތުން އެ އިސްލާހު ގެޒެޓުގައި ޝާއިއުކުރެވޭ ވަގުތުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ޕެންޝަން ސްކީމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ޕެންޝަން ފަންޑުގައިވާ ފައިސާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ކޮލަޓަރަލައިޒު ކުރެވޭނެ ސްކީމެއް ޕެންޝަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހިންގޭނެ ކަމަށެވެ. އަދި އެފަދަ ސްކީމެއް ހިންގުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު އެއްބަސްވުންތަކާއި އެގްރީމެންޓުތައް ކުރެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ފަލާހު ހުށަހެޅުއްވި އިސްލާހުގައި ޕެންޝަން ގާނޫނަށް ވަނީ އިތުރު ބާބެއް ވެސް އިތުރު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. އެ ބާބަކީ ޕެންޝަން ފައިސާ ކޮލަޓަރަލައިޒު ކުރުމުގެ ބާބެވެ.

އިސްލާހުގައި ބުނެފައި ވަނީ އިމާރާތްކޮށް ނިންމާ އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ، ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ އެމީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ޕެންޝަން ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކޮލަޓަރަލައިޒު ކުރެވިގެންދާނެ ކަމަށެވެ. އިސްލާހުގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު ކޮލަޓަރަލައިޒުކުރެވޭ ފައިސާ އަކީ ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި ކޮލަޓަރަލް ގަބޫލުކުރާ ނުވަތަ ލޯނު ދޫކުރާ ފަރާތުގެ މަންފާއަށް ބެހެއްޓޭ ފައިސާއެއް ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ގާނޫނުގެ ދަށުން ކޮލަޓަރަލް ކުރެވޭ ފައިސާ އަކީ ހަމައެކަނި ޑައުންޕޭމަންޓަށް ބޭނުންވާ ފައިސާ ކަމަށެވެ. އެހެންކަމުން ލޯނުގެ އިންޓްރެސްޓަކަށް ނުވަތަ އެހެން ކަމަކަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އިސްލާހު މަޖިލީހަށް ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. އެހެންކަމުން ސަރުކާރުން ބިލު ހުށަހެޅުމުގެ ބޭނުމަކީ ސޯޝަލް ހައުސިން ސްކީމުގެ ފަރާތުން ހައްލެއް ހޯދައިދިނުން ކަމަށެވެ. ޕެންޝަން ގާނޫނު ފަރުމާ ކުރެވިފައި ވަނީ ރިޓަޔާމަންޓް ބެނެފިޓު އުސޫލެއް ހިންގުމަށް ކަމަށް ބިލު ހުށަހަޅުއްވަމުން ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، އޭނާ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގެ ސަބަބުން ޕެންޝަން ގާނޫނުގެ އުސޫލުތަކާއި މަގުސަދު ތައާރަޒު ނުވާނެ ގޮތެއްގެ މަތީން ސްކީމުގެ ބައިވެރިންނަށް ގެދޮރު ގަތުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.