الإمام مسلمއާއި،الإمام أحمد، أنس بن مالكرضى اللّـه عنــهގެ އަރިހުން ރިވާކުރައްވައިފައިވެއެވެ.

"زيد بن حارثة رضى اللّـه عنــه،السّيّدة زينب بنت جحش رضى اللّـه عنــهاވަރިކުރައްވައި އެކަމަނާގެ ޢިއްދަ ހަމަވުމުން، އިތުރު ސާހިބާ އެކަމަނާގެ އަރިހުން ކާވެނިފުޅަށް އައްސަވަން ޚުދުزيد بن حارثة رضى اللّـه عنــهއެކަމަނާގެ އަރިހަށް ފޮނުއްވިއެވެ. (ކައުސާހިބާصلّى اللّـه عليه وسلّمގެ ބޭނުންފުޅަކީ، މިކާވެނިފުޅަކީزيدޤަޞްދުގައިزينبވަރިކުރެއްވުމުން ކުރައްވާ ކާވެނިފުޅެއްކަން ބަޔާންކުރެއްވުމެވެ.)

زيد بن حارثة رضى اللّـه عنــه، السّيّدة زينبގެ ގެކޮޅަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ފުށްމޮޑުއްވާށެވެ.زيدވަޑައިގެން އެކަމަނާއާ ދިމާޔަށް ބައްލަވައިވެސް ނުލައްވައި އެކަމަނާއަށް ފުރަގަސްދެއްވައިގެން ހުންނަވައި ވިދާޅުވިއެވެ.

"زينبއެވެ! އަޅުގަނޑު މިއައީ ކަމަނާގެ އަރިހަށް އުފާވެރިކަމުގެ ޚަބަރަކާއިގެންނެވެ.رسول اللّـه صلّى اللّـه عليه وسلّمކަމަނާއާ ކާވެނިބައްލަވައިގަންނަވައި އެކަލޭގެފާނުގެ ޠާހިރު އަނބިއަނބިކަނބަލުންގެ ލިސްޓުގައި ކަމަނާގެ ނަންފުޅު ހިމަނުއްވަން ޤަޞްދުކުރައްވައެވެ. މިކަމާމެދު ކަމަނާގެ ބަސްފުޅަކީ ކޮބައިތޯއެވެ؟"

السّيّدة زينبވެސް އިސްދަށަށް ޖައްސަވައިގެން އެއިންނެވިގޮތަށް ފުށްމޮޑުއްވަން އިންނަވައިފައި ޖަވާބު ދެއްވިއެވެ. "އަހަންނަށް ތިޔަކަމާ ޖަވާބެއް ދެވޭނީ އަހަރެންގެ ވެރިاللّـهއާ މަޝްވަރާ ކުރުމަށްފަހު (އިސްތިޚާރާ ކުރުމަށްފަހު) ގައެވެ.

السّيّدة زينب رضى اللّـه عنــهاއެގޮތަށް ޖަވާބު ދެއްވުމަށްފަހު އިސްތިޚާރާ ކުރެއްވުމަށްޓަކައި މުސައްލަކޮޅަށް އަރައިވަޑައިގެންނެވިއެވެ. އެކަމަނާ ނަމާދުފުޅުކުރައްވައި ނިމިވަޑައިނުގަންނަވަނީސް، އަރަހުށި މާތްاللّـهއެކަމަނާއާއި،رسول اللّـه صلّى اللّـه عليه وسلّمގެ ކާވެނިފުޅު ޢަޤްދުކޮށްދެއްވައި އެކަން ބަޔާންކުރެއްވުމުގެ އާޔަތް ބާވައިލައްވައިފިއެވެ. އެއާޔަތުގައިވަނީ:

"ފަހެ،زيدއެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް ޢިއްދަ ހަމަވުމުން) ތިމަންރަސްކަލާނގެ ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމުއެވެ. އެއީ މުއުމިނުންނަށް އެއުރެން ދަރީންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބީންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު އެއުރެންނާ ކާވެނިކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ. އަދިاللّـهގެ އަމުރުފުޅަކީ، ހިނގަނިވިކަމެއް ކަމުގައިވެއެވެ."(سورة الأحزاب:37)

الأصابةގައިވެއެވެ. މިއާޔަތް ބާވައިލެއްވީ ކައުސާހިބާصلّى اللّـه عليه وسلّم،أمّ المؤمنين السّيّدة عائشة رضى اللّـه عنهاގެ ގެކޮޅުގައި ވަޑައިގެން ހުންނަވަނިކޮށެވެ. މިއާޔަތް ބާވައިލެއްވުމުން އިތުރު ސާހިބާصلّى اللّـه عليه وسلّمހިނިވަރުނަކުރައްވަމުން ޙަދީޘު ކުރެއްވިއެވެ. "زينب بنت جحشގެ އަރިހަށް މިއުފާވެރި ޚަބަރު ގެންގޮސްދޭނެ މީހަކު އެބަހުރިހެއްޔެވެ؟"

أمّ المؤمنين السّيّدة عائشة رضى اللّـه عنهاވިދާޅުވެފައިވެއެވެ. "ކައުސާހިބާصلّى اللّـه عليه وسلّمއެއާޔަތް ކިޔަވައި ވިދާޅުވުމުން އަހަރެންގެ ހިތަށްއެރިއެވެ.زينب بنت جحشއަބަދުވެސް އެކަމަނާގެ ރީތިފުޅުކަމާމެދު ފަޚުރުވެރިވެވަޑައިގަންނަވައެވެ. އަރަހުށި މާތްاللّـهމަތިވެރިވެގެންވާ އުޑުގައި އެކަމަނާގެ ކާވެނިފުޅު ކޮށްދެއްވުމުން މިލިބިވަޑައިގެންނެވި މަތިވެރި ޝަރަފާމެދު އަދި ވަކީން ބޮޑަށް ފަޚުރުވެރިވެވަޑައިގަންނަވާނެއެވެ."

أمّ المؤمنين السّيّدة عائشة رضى اللّـه عنهاގެ ޚާދިމާسلمىދުވެފައިزينبގެ ގެކޮޅަށްގޮސް އެކަމަނާއަށް ދެންނެވިއެވެ. "އޭزينبއެވެ! ކަމަނާއަށް ކޮޅުނެތްކޮޅަށް މުބާރިކުބާދީއެވެ! މަތިވެރި ހުސްޠާހިރުވަންތަاللّـهކަމަނާއާއި އެކަލާނގެ ލޮބުވެތި ނަބިއްޔާمحمّد صلّى اللّـه عليه وسلّمއާ ކާވެނިކޮށްދެއްވައިފިއެވެ. އެކަން ބަޔާންކުރެއްވުމުގެ އާޔަތް ބާވައިލައްވައިފިއެވެ. އަޅުގަނޑު މިއައީ ޚުދު އެމާތް ސާހިބާގެ ޠާހިރު ދޫފުޅުން އެއާޔަތް އަޑުއަހައިފައެވެ.أمّ المؤمنينއަކަށް ވެވަޑައިގެންނެވުމުގެ ބާއްޖަވެރިކަން ކަމަނާއަށް ލިބިވަޑައިގެންނެވި ކަމަށްޓަކައި ކަމަނާއަށް މަރްޙަބާއެވެ!"

أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاއެކަމަނާގެ ކާވެނިފުޅުގެ ކަންތައް ހިނގައިދިޔަގޮތުން، ކައުސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން އަނބިއަނބިކަނބަލުންގެ މައްޗަށް ފަޚުރުވެރިވެވަޑައިގަންނަވައެވެ. އެކަމަނާ ވިދާޅުވެއެވެ. ތިޔަބޭކަނބަލުންގެ ކާވެނިފުޅުތައް ކޮށްދެއްވީ ތިޔަބޭކަނބަލުންގެ ވަލީވެރީންނެވެ. ތިމަން ކަމަނާގެ ކާވެނިފުޅު ޢަޤްދުކޮށްދެއްވީ ޚުދު ކާއިނާތުގެ ވެރި މާތްاللّـهއެވެ. އާދެ، އެކަމަނާގެ ކާވެނިފުޅުގައި ވަލީވެރިޔާއާއި ހެކިވެރީންގެ ބަދަލުގައި ކާވެނިފުޅު ބިނާވެފައިވަނީ ކީރިތި ޤުރްއާނުގެ ވަޙީގެ މައްޗަށެވެ. އެކަމަނާގެ ކާވެނިފުޅުގެ ސަބަބުން ވަނީ މުތަބަންނީން އިނދެވަރިކުރާ މީހުނާ ބެހޭގޮތުން ޖާހިލިއްޔަ ޒަމާނުއްސުރެ ސިލްސިލާވަމުންއައި ސުންޕާ އާދަ އުވާލެވިފައެވެ.

ޠަބަރާނީއާއި ބިލާޛުރީއާއި ޒަރްޤާނީގައި ރިވާވެފައިވެއެވެ.السّيّدة زينب بنت جحش
رضى اللّـه عنــهاކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި ވިދާޅުވިއެވެ. ކަލޭގެފާނުގެ އެހެނިހެން އަނބިއަނބިކަނބަލުންގެ މައްޗަށް ތިންކަމެއްގެ ސަބަބުން ތިމަން ކަމަނާ ފަޚުރުވެރިވެވަޑައިގަންނަވަމެވެ.

  1. ކަލޭގެފާނުގެ ޢިއްޒަތްތެރި ކާފާފުޅަކީ އަޅުގަނޑުގެ ދަރަޖަމަތިވެރި މާފާފުޅެވެ.

  2. ކަލޭގެފާނާއި އަޅުގަނޑާ ކާވެނިކޮށްދެއްވީاللّـه سبحانه وتعالىއެވެ. މަތިވެރިވެގެންވާ އުޑުގައެވެ.
  3. އަޅުގަނޑުގެ މައްސަލައިގެ ސަފީރަކީجبريل الأمينއެވެ.

މިއިން އެއްވެސްކަމަކާމެދު ކަލޭގެފާނުގެ އެއްވެސް އަނބިކަނބަލަކަށް އިންކާރެއް ނުކުރެއްވޭނެއެވެ.

މި ކާވެނިފުޅާ ގުޅިގެން މުނާފިޤުން ދެއްކި ފިތުނަވެރި ވާހަކަތަކާއި އެވާހަކަތަކާ ގުޅިގެން މުސްލިމުންނަށާއި އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށް ތަޞައްލީ ދެއްވުމަށްޓަކައި އަރަހުށި މާތްاللّـهކީރިތި ޤުރްއާނުގައި ދެއްވައިފައިވާ އިރްޝާދުތަކުގެ ވާހަކަ އަޅުގަނޑުވަނީ "ކައުސާހިބާ
صلّى اللّـه عليه وسلّمގެ ކާވެނިފުޅުތަކާމެދު ކުރެވޭ އިޢުތިރާޟުގެ ޖަވާބުގައި" މިފޮތުގައި ބަޔާންކޮށްފައެވެ.

މި ކާވެނިފުޅު ކުރެވުނު އަހަރަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. ބައެއް ބޭކަލުން ވިދާޅުވާގޮތުގައި އެއީ ހިޖްރައިން ތިންވަނަ އަހަރެވެ. އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި ހަތަރުވަނަ އަހަރުއެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنهاވިދާޅުވާގޮތުގައި ކައުސާހިބާގެ މިކާވެނިފުޅު ކުރެވުނީ މުރައިސީޢު ހަނގުރާމައިން އެނބުރި ވަޑައިގެންނެވިފަހުންނެވެ. އެހެންކަމުންعائشةގެފާނުގެ ބަސްފުޅަށް ރިޢާޔަތްކުރައްވައި ގިނަ ޢިލްމުވެރީން ޞައްޙަކަމުގައި ބައްލަވަނީ ހިޖްރައިން ފަސްވަނަ އަހަރު ކަމުގައި އައިސްފައިވާ ރިވާޔަތްތަކެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 36 އަހަރުފުޅެވެ.

ކާވެނިފުޅުގެ ވަލީމާ

ކައުސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން ކާވެނިފުޅުތަކާ ޚިލާފަށް މިކާވެނިފުޅާ ގުޅިގެން ޚާއްޞަ ވަލީމާއެއް ބޭއްވެވިއެވެ. މިކާވެނިފުޅަކީ އެކަލޭގެފާނުގެ އެހެނިހެން ކާވެނިފުޅުތަކާ ތަފާތު ގޮތަކަށް ޚުދު ޢާލަމްތަކުގެ ވެރި މާތްاللّـه سبحانه وتعالىޢަޤްދުކޮށްދެއްވި ކާވެނިފުޅަކަށްވާތީއެވެ. މިކާވެނިފުޅުގެ ވަލީމާއަށް ބަކަރިޔެއް ކަތިލައްވައި، މަހާއި ރޮއްޓާ ތައްޔާރުކުރެއްވިއެވެ.

أنس رضى اللّـه عنــهގެ އަރިހުން ރިވާވެފައިވެއެވެ. ކައުސާހިބާصلّى اللّـه عليه وسلّم،السّيّدة زينب بنت جحش رضى اللّـه عنــهاއާ ކާވެނިބައްލަވައިގެންނެވުމުން އެއުފާވެރި މުނާސަބާގައި އަހަރެންގެ މަންމަأمّ سُلَيمޚާއްޞަކޮށް މަލީދާ ކެއްކެވިއެވެ. (السّيّدة أمّ سُلَيم رضى اللّـه عنــهاއަކީ ކައުސާހިބާصلّى اللّـه عليه وسلّمއާއިأمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ ތިމާގެފުޅު ބޮޑުދައިތާފުޅެކެވެ.) އެ މަލީދާއަކީ ވަރަށް ވަސްމީރު، ރަހަމީރު މަލީދާއެކެވެ. އަހަރެންގެ މަންމަ ތައްޓެއް ފުރެންދެން މަލީދާ އަޅުއްވައި އަހަންނާ ޙަވާލުކުރައްވައިފައި ވިދާޅުވިއެވެ. "أنسއެވެ. މި މަލީދާތަށި ވަރަށް އަދަބުވެރިކަމާއި އިޙްތިރާމާއެކު ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ގެންގޮސް ވެދުމަށް އަރުވާށެވެ. ދަންނަވާށެވެ. މިއީ ކަލޭގެފާނުގެ ކާވެނިފުޅުގެ އުފާވެރި މުނާސަބާގައި އަޅުގަނޑުގެ މަންމަ ފޮނުއްވި އިޚްލާޞްތެރި ވެދުމެކެވެ. މަންމަ ކަލޭގެފާނަށް ވެދުން ވިދާޅުވިއެވެ. މިއުފާވެރި މުނާސަބާގައި މިކުޑަކުޑަ ވެދުން ޤަބޫލުކުރެއްވުމުގެ ޝަރަފު އަޅުގަނޑުމެންނަށް ދެއްވުން އެދިވަޑައިގެންނެވިއެވެ.

أنس رضى اللّـه عنــهއިތުރަށް ވިދާޅުވެފައިވެއެވެ. "އަހަރެން އެ މަލީދާތަށި ހިފައިގެންގޮސް އިތުރު ސާހިބާގެ ފައިންޕުޅު ދެކެފައި އެންމެފުރަތަމަ މަންމަގެ ވެދުން ދެންނެވީމެވެ. ކައުސާހިބާصلّى اللّـه عليه وسلّمމަންމަގެ ސަލާމުގެ ޖަވާބު ދެއްވިއެވެ. އެއަށްފަހު މަލީދާ ތަށިކޮޅު އަރުވައިފައި ދެންނެވީމެވެ. މިއީ އަޅުގަނޑުގެ މަންމަ ކަލޭގެފާނާއިأمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ ކާވެނިފުޅުގެ އުފާވެރި މުނާސަބާގައި ފޮނުއްވި ވެދުމެކެވެ. ޤަބޫލުކުރެއްވުން އެދެމެވެ. މަޙްޝަރުގެ ޝާފިޢުصلّى اللّـه عليه وسلّمއުފާފުޅުކުރައްވަމުން އެ ވެދުން ޤަބޫލުކުރެއްވިއެވެ. އެއަށްފަހު އަހަންނަށް ޙަދީޘުކުރެއްވިއެވެ. "أنسއެވެ. އެވެނިމިވެނި ބޭކަލުންނަށް ވަޑައިގަންނަވަން ދަޢުވަތު އަރުވާށެވެ. އަދި މަގުމަތީން ދިމާވާ ހުރިހާ މުސްލިމުންނަށްވެސް ދަޢުވަތު ދޭށެވެ. އިތުރު ސާހިބާ ވިދާޅުވިގޮތަށް އަހަރެން ޢަމަލުކުރީމެވެ. ވަކިވަކީން ނަންފުޅުން ފާހަގަކުރެއްވި ހުރިހާ ބޭބޭކަލުންގެ އަރިހަށް ދިޔައީމެވެ. މަގުމަތީން ދިމާވިހައި ބަޔަކަށްވެސް ދަޢުވަތު ދިނީމެވެ. ތިންސަތޭކަ ވަރަކަށް ބޭކަލުން ވަލީމާއަށް ހާޒިރުވެވަޑައިގެންނެވިއެވެ.

(ނުނިމޭ)