28 Apr 2016, 13:57
ވިއެނާ (އޭޕްރިލް 28): އޮސްޓްރިއާގައި ރެފިއުޖީންގެ އަދަދު ގިނަވެއްޖެ ނަމަ އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމަށް ހުއްދަދޭ ގާނޫނެއް އޮސްޓްރިއާ އިން ފާސްކޮށްފި އެވެ.
އިއްޔެ އޮސްޓްރިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނުގައިވާ ގޮތުން އެގައުމުގައި ކުއްލިއަކަށް ރެފިއުޖީންގެ އަދަދު ގިނަވެއްޖެ ނަމަ ކުއްލި ހާލަތު އިއުލާން ކުރެވޭނެ އެވެ. އަދި ލިޔެކިޔުމަކަށް ނުބަލައި ސީދާ ބޯޑަރުންވެސް ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް ދެކޮޅު ހެދޭނެ އެވެ. އޭގެ ތެރޭގައި ސީރިއާ ފަދަ ގައުމުތަކުން އަންނަ ހާލުގައިވާ ޖެހިފައިވާ މީހުން ވެސް ހިމެނޭނެ އެވެ.
މީގެ އިތުރުން، އޮސްޓްރިއާއާ އިޓަލީއާ ދެމެދު އޮންނަ ހުރަސްރޮނގު މަތީ ފާރެއް ބިނާ ކުރުމާ މެދު ވިސްނަމުންދާ ކަމަށްވެސް އޮސްޓްރިއާއިން ހާމަކޮށްފައިވެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި، ދީނީ ލީޑަރުންނާއި އިދިކޮޅު ޕާޓީތަކުން ވަނީ އެގާނޫނަކީ އިންސާނީ ހައްގުތަކަށް ފުށޫއަރާ ގޮތަށް އެކުލަވާލާފައިވާ ގާނޫނެއް ކަމަށް ބުނެފަ އެވެ. އަދި އޮސްޓްރިއާގެ ބައެއް ރައްޔިތުން ވަނީ ގާނޫނާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.
މިއަހަރުގެ ކުރީކޮޅު އޮސްޓްރިއާއިން ވަނީ އެގައުމުން މިއަހަރު ހިމާޔަތް ދޭނެ ރެފިއުޖީންގެ އަދަދަކީ 37،500 ކަމަށް ބުނެފަ އެވެ. މި އަހަރު ފެށުނު ފަހުން އެގައުމުގެ ހިމާޔަތަށް 16،000 ފަރާތަކުން އެދިފައިވެ އެވެ. (އަލްޖަޒީރާ)