28 Apr 2016, 13:05
ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގައި ނިއުޒީލެންޑުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ނިއުޒިލެންޑުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ޑރ. ޖޮނަތަން އެޑްވާޑް އޮސްޓިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ނިއުޒީލެންޑުގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުން -- ފޮޓޯ: ރައީސް އޮފީސް
ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތްތާނގައި ރާއްޖެއާ ނިއުޒީލެންޑާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އިރު، ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން ރައީސް ވަނީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގައި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، ދެ ގައުމަކީވެސް ޖަޒީރާ ގައުމަށް ވީތީވެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ރައީސް ޔާމީން ނިއުޒީލެންޑުގެ އާ ސަފީރާ އެކު ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ހަމައެއާއެކު ރައީސް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދާ ފަތުރުވެރިކަމުގެ ހާލަތު ނިއުޒީލެންޑުގެ ސަފީރާ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނީ ރާއްޖޭގެ ވައިގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެވިގެން ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ޔާމީން ނިއުޒީލެންޑުގެ އާ ސަފީރާ އެކު ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި ސަފީރު ވިދާޅުވީ އޭނާގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ. އަދި ރާއްޖެއަކީ ތައުލީމަށް ވަރަށް މުހިންމުކަން ދޭ ގައުމެއް ކަމަށް ފާހަގަކުރެއްވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.