28 Apr 2016, 12:30
އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް އާއި ބާސެލޯނާގެ ތަރި ލިއޮނެލް މެސީގެ ކުޅުން އަޅާ ނުކިޔޭނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ސްޕެއިން މިޑްފީލްޑަރު ސައުލްގެ މޮޅު ލަނޑާއެކު ޖަރުމަންގެ ޗެމްޕިއަން ބަޔާން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ އަތުން 1-0 ލަނޑުން ރޭ ބަލިވެފަ އެވެ.
"އަހަރެންނަށް މާބޮޑަކަށް ސައުލްއެއް ނޭނގޭ. އެކަމަކު އޭނާގެ ހުނަރުތަކަށް އަހަރެން އިހުތިރާމް ކުރަން. އެންމެ ރަނގަޅު ގޮތަކީ އޭނާ އާއި މެސީއާ އަޅާ ނުކިޔުން،" ބާސާގެ ކުރީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ސައުލް ލަނޑު ޖަހާފައި ވަނީ ބަޔާންގެ ޑޭވިޑް އަލަބާ އާއި އާޓުރޯ ވިޑާލް އޭނާ އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރަނިކޮށެވެ. ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
ސެމީގެ ދެ ވަނަ ލެގުގައި ބަޔާންގެ ދަނޑުގައި އެތުލެޓިކޯއިން ބަޔާންއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.