28 Apr 2016, 12:25
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އޮންލައިންކޮށް ކުރުމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން"އަށް މިއަދު ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބަށް އޮންލައިންކޮށް ކުރިމަތިލެވޭ ގޮތް ހެދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެކޮމިޝަނުން ވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އިންތިޚާބުގައި ހަރަކާތްތެރިވާ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނިޓަރުންނަށް ވެސް އޮންލައިންކޮށް ކުރިމަތިލެވޭނެ ފުރުސަތު ވެސް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އޮންލައިންކޮށް އެ ފުރުސަތު ހުޅުވާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވަމުން،" އަކުރަމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އިންތިޚާބަށް ގައުމީ ލަފާދޭ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މީޑިއާގެ ފަރާތްތަކާއި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ޕީޖީ އޮފީހާ ވެސް ބައްދަލުކޮށްފައިވާނެ ކަމަށެވެ.
ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު ގާނޫނަށް ގެނައި އިލާހުގެ ސަބަބުން މިހާރު މަދުވާނެއެވެ.