08 May 2011, 11:34
ގާތްގަނޑަކަށް 2000 މީހުން ދިރިއުޅެމުން އަންނަ ރ. މީދޫގައި ކުނި އަޅަމުން އައި ކުނިކޮށި ފުރި، އިތުރަށް ކުނިއަޅާނެ ތަނެއް ނެތި ކުނީގެ މައްސަލަ އެ ރަށުގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް މީދޫ ރަށު ކައުންސިލުން ބުނެފި އެވެ.
މީދޫ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީމު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ކުނި ނައްތާލުމުގެ މައްސަލަ ހައްލުކުރުމަށް ފައިސާގެ އެހީ ހޯދުމަށް އުތުރު ސަރަހައްދުގެ ގައުމީ އިދާރާގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.
"މީދޫ ރައްޔިތުން ކުނިއަޅަމުން އަންނަ ކުނިކޮއްޓަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކުނި އަޅަމުން އައި ތަނެއް. އެތަން ފުރެން ފެށުމުން އެތަނުން ކުނި ހުސްކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެހީއަށް ތަކުރާރުކޮށް އެދުނިން. ނަމަވެސް އަދިވެސް އެކަމުގައި އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބޭ،" ނަސީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުނިކޮށި ހުސްކުރުމަށް ފައިސާގެ އެހީއަކަށް އެދި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގައި އެދެމުން ދަނިކޮށް ކުނިކޮށި މާބޮޑަށް ފުރި ރަށުތެރެއަށް ކުނިތައް ފެތުރެން ފަށާފައިވާ ކަމަށެވެ. އަދި ކަންތައް އެހިސާބަށް ދިއުމުން އަނެއްކާ ވެސް އަތޮޅު ކައުންސިލާއި ގައުމީ އިދާރާ އަށް އެ މައްސަލަ ހުށައެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ އިދާރާ އިން ބުނަނީ ރަށުގެ އެކަހަލަ މައްސަލަތައް ހައްލުކުރުމަކީ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށް، އެކަން އަޅުގަނޑުމެންނަށް ވެސް އެނގޭ. އެކަމަކު ރަށު ކައުންސިލަށް ބަޖެޓް ނުދެންޏާ ކިހިނެތްތޯ ފައިސާ ހަރަދުކޮށްގެން ކުރަން ޖެހޭ ކަމެއް ކުރާނީ،" ނަސީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށު ކައުންސިލަށް ސަރުކާރުން ދެއްވާފައި ވަނީ ހަމައެކަނި ކައުންސިލްގެ ރިކަރެންޓް ހަރަދުތައް ހަމަޖައްސާނެ ބަޖެޓެއް ކަމަށެވެ. އެހެން ކަމުން ރަށުގެ ތަރައްގީއަށް ބޭނުންވާ އެކަހަލަ ކަންތައްތައް އެބަޖެޓުން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީދޫގެ އާއްމު ރައްޔިތަކު ބުނި ގޮތުގައި ކުނިކޮށި ފުރިގެން ކުނިތައް ރަށުތެރެއަށް ފެތުރެމުންދާތީ އެކަން ހައްލުކުރުމަށް ރަށުގެ ރައްޔިތުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ވަނީކޮށްފަ އެވެ.
"މިހާރު ރަށުތެރެއަށް ކުނިފެތުރުން ވަނީ ހުއްޓުވިފައި. އެކަމަކު އެކަން ކުރީ އަތޮޅުތެރޭގެ އެކި އެކި ޖަމާއަތްތަކުގެ އެހީގައި. ކުނި ކޮށިން ކުނި ފެތުރުން ހުއްޓުވުނަސް ކުނިއަޅާނެ އިތުރު ތަނެއް ނެތް. އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި،" މީދޫން ވަހަކަ ދެއްކި މީހާ ބުންޏެވެ.
އުތުރު ސަރަހައްދުގެ ގައުމީ އިދާރާގައި ހުންނަވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނިޔާޒު މިއަދު ވިދާޅުވީ މީދޫގެ ކުނީގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެހެން ނަމަވެސް އެފަދަ މައްސަލަތައް ވަގުތުން ވަގުތައް ހައްލު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިގެންދަނީ ވޯކްސް ކޯޕަރޭޝަނާ ގުޅިގެން މީދޫ ކުނި ކޮށިން ކުނި ހުސްކުރުމަށް މަސައްކަތް ކުރަމުން. އެ މަސައްކަތް މިހާރު ވަނީ ވޯކްސް ކޯޕަރޭޝަނުން ރ. ފައިނުގެ ކޮންޓްރެކްޓަރަކާ ހަވާލުކުރައްވާފައި،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުނީގެ މައްސަލަ ބޮޑުވެފައި ވަނީ ހަމައެކަނި މީދޫގައި ނޫން ކަމަށާއި އުތުރު ސަރަހައްދުގެ 40 ރަށެއްގައި އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ޕްލޭނެއް އެކުލަވާލާފައިވާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ވޯލްޑް ބޭންކްގެ ލޯނު އެހީގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މީދޫގެ ކުނީގެ މައްސަލަ ވެސް އަދި އަނެއް 40 ރަށުގެ ކުނީގެ މައްސަލަ ވެސް ވީހާ އަވަހަކަށް ހައްލުވެގެންދާނެ ކަމަށް." އަލީ ނިޔާޒް ވިދާޅުވި އެވެ.