19:00


ސާކަކީ މިހާރަށްވުރެ ހަރުދަނާ، އަދި ނަތީޖާ ޙާޞިލު ކުރެވޭ ޖަމްޢިއްޔާއަކަށް ހެދިދާނެ ގޮތްތަކާމެދު އަލުން ބެލުމަށް ސާކްގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ސާކު ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ސާކަށް އެންމެ މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަންކަން ފާހަގަކޮށް، އެންމެ އިސްކަންދޭންވީ ކަންކަމުގެ ތަރުތީބު ކަނޑައެޅުމުގެ ވަގުތުކަމުގައި ވިދާޅުވި އެވެ. އަދި މިއީ ބަސްތަކާއި ވަޢުދުތަކަށް ޢަމަލީ ފިޔަވަޅު ގެންނަންޖެހިފައިވާ ވަގުތު ކަމަށާއި، ސާކަކީ 21 ވަނަ ޤަރުނުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހިފައިވާ ޖަމާޢަތެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސާކް ޤައުމުތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ މައިގަނޑު ހަތަރު ދާއިރާއެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.


އެގޮތުން "މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ހުއްޓުވުން" މިލަފްޒުގެ ބަދަލުގައި "ފެހި އިންވެސްޓްމަންޓާއި ތަރައްޤީ" މިލަފްޒު ބޭނުންފުޅުކުރައްވަމުން، ޖައްވު ހޫނުވާ ވާހަކަދެއްކުމުން އަޅުގަނޑުމެންނަށް ބޮޑަށް ވިސްނެނީ އޭގައި ހުރި ނުރައްކާތައް އެކަނި ކަމަށާއި، މިކަމުގެ ސަބަބުން ހުޅުވިގެންދާ ފުރުޞަތްތަކާމެދު ގިނަފަހަރު ނުވިސްނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި 2020 ވަނަ އަހަރާ ހަމައަށް ދާއިރު މި ސަރަޙައްދަކީ ދުނިޔޭގެ ފެހި އިންޤިލާބު ފެށިގެން އަންނަ ސަރަޙައްދު ކަމުގައި ވެގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މިކަންކަން ޙާޞިލު ކުރުމުގައި އެހީތެރިވެދިނުމަށާއި، ފެހި އިންވެސްޓްމަންޓް ކުރިއެރުވުމަށް އެހީތެރިވެދޭ ފަންޑެއް ސާކުން ޤާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ސައުތު އޭޝިއަން ޔުނިވަރސިޓީގައި ކާބަން މަދުން ބޭނުންކުރުމާއި ތަރައްޤީއާބެހޭ ދިރާސާކުރާނެ މަރުކަޒެއް ޤާއިމުކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.


ސާކުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުން މުހިންމު ދެވަނަ ދާއިރާއަކީ ޑިމޮކްރަސީ ކުރިއެރުވުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިސަރަޙައްދުގެ ހުރިހާ ޤައުމަކީވެސް މިހާރު ޑިމޮކްރެޓިކް ޤައުމުތަކެއް ކަމަށާއި، އެހެންނަމަވެސް މި ސަރަޙައްދުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.


މި ސަރަޙައްދުގައި ޑިމޮކްރަސީ ކުރިއަރުވައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން އިތުރު ކުރުމަށް މަގު ފަހިކުރުމަށް، އާސިއާންގައި އޮންނަފަދަ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއެރުވުމުގެ ނިޒާމެއް މި ސަރަޙައްދުގައި ވެސް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި ނިޒާމަކީ، މިސަރަޙައްދުގައި މިނިވަންކަމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަށް ގެންދިއުމަށް ޤައުމުތަކަށް އެހީތެރިވެ ދެވޭނެ ނިޒާމަކަށް ހެދިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ ފުޅުގައި ދެކުނު އޭޝިޔާ ސަރަޙައްދުގެ މުސްތަޤުބަލަކީ މިސަރަޙައްދުގެ ކުޑަކުދިން ކަމުގައި ވިދާޅުވަމުން، މި ސަރަޙައްދުގެ ތަފާތު ޘަޤާފަތްތަކުގެ މަޢުލޫމާތު ބަދަލުކޮށް، ޚާއްޞަގޮތެއްގައި ޒުވާނުންގެ މެދުގައި މި ސަރަޙައްދުގެ ތަފާތު ޘަޤާފަތްތަކުގެ ދެނެގަތުން އިތުރުކުރުމުގައި ސާކުން މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


16 ވަނަ ސާކް ސަމިޓް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިސަރަޙައްދުގެ ޤައުމުތަކުގެ މެދުގައިވާ ތަފާތުތައް ނައްތާލައި، އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވި އެވެ. އަދި މިއީ ސާކުގެ ޗާޓަރުން ސާކުގެ ހުރިހާ ޤައުމުތަކުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި، މި ކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ސާކުގެ ހުރިހާ ޤައުމަކުން މަސައްކަތް ކުރަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.


ސާކް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޫޓާންގެ ބޮޑުވަޒީރު ލޮންޗެން ޖިގްމޭ ތިންލޭ ވިދާޅުވީ މިސަމިޓަކީ ބޫޓާނަށް ވަރަށް ތާރީޚީ ސަމިޓެއް ކަމަށާއި މިސަމިޓްގެ ސަބަބުން އެގައުމު ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އަލިއަޅުވާލައްވަމުން އެއީ މިވަގުތު ސާކްގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށާއި ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނެ އެއް މައުޟޫއަކީ އެއީ ކަމަށް ވެސް ބޫޓާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.


ޖިގްމޭ ތިންލޭ އިތުރަށް ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ މެދު ސާކްގެ ގައުމުތަކުން ސަމާލު ނުވެއްޖެނަމަ އޭގެ ގެއްލުން ފޯރާނެ ކަމަށާއި އެކަމާ މެދު ފިޔަވަޅު އެޅުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި މިކަމާ މެދު ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ރަގަޅު ވިސްނުމެއް ދަމަހައްޓައި މިކަމުގެ ނުރައްކާތެރިކަން އެރައްޔިތުންނަށް އަންގައިދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ ދެކުނު އޭޝިއާ އަކީ ތަފާތު ގޮތްގޮތުން ދުނިޔޭގައި އެންމެ ބޮޑު މުހިންމުކަމެއް ލިބިފައިވާ އެއް ސަރަހައްދު ކަމަށާއި ސާކް ފަދަ އޯގަނައިޒޭޝަނެއް އޮވެގެން ދެކުނު އޭޝިއާގެ ގައުމުތަކުން އެއް މިސްރާބަކަށް ދަތުރުކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި  ސާކްގެ ގައުމުތަކުގެ މެދުގައި ސުލްހަވެރިކަމާއި ޑިމޮކްރެސީ ގާއިމުކުރުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.


ސާކްގެ 8 ގައުމުގެ ލީޑަރުން ބައިވެރިވެވަޑައިގެންނަވާ މިބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ސާކް ގައުމުތަކުގެ މެދުގައި އޮންނަ ސަރަހައްދީ ގުޅުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިސަމިޓްގައި އޮބްޒާވަރުންގެ ގޮތުގައި އޮސްޓްރޭލިއާ އަދި މިޔަންމާގެ ޑެލިގޭޓުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.