ސްވިޒަލެންޓުގެ މިލިއަނަރެއް ކަމުގައިވާ ކްރިސްޗޮފާ ޕީޓަ ނިކޮލާ ގްރޯ ރަހީނު ކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ދައުވާ ނުކުރަން ފުލުހުން ނިންމައިފި އެވެ.

އެމައްސަލާގައި ދައުވާ ނުކުރަން ނިންމައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އަދީބަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެ މައްސަލާގައި އަދީބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި އެކަށީގެންވާ ހެކި ލިބިފައިނުވާތީ ކަމަށެވެ. އެހެންކަމުން މިވަގުތަށް އެމައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް އޮތްކަމަށް ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އެކަންތައް ކުރުމަށް ރޭވި ކަމަށް ކ.މާލެ، ހ. ސަމާރާ އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ މިސާވިސް އިން ތަހުގީގުކުރުމުން މައްސަލާގައި ހުށަހެޅިފައިވާ ކަންކަމާގުޅޭ އެކަށީގެންވާ ހެކި ލިބިފައިނުވާތީ މިވަގުތަށް މިމައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް އޮތް ކަމަށް ނުފެންނާތީ މައްސަލަ ވަނީ ފައިލް ކުރެވިފައި،" ފުލުހުން އަދީބަށް ފޮނުވި ލިޔުމުގައި ބުނެފައިވެ އެވެ.

ސްވިޒަލެންޑުގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށް ކްރިސްޗޮފާ ރަހީނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

ކްރިސްޗޮފާ ރަހީނު ކުރުމަށް ފަހު ތިން މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އޭނާ އަށް އަންގައި އެ ފައިސާ ނުދީފި ނަމަ މަރާލާނެ ކަމުގެ އިންޒާރު ބަޔަކު ދީފައިވެ އެވެ.

އެ މައްސަލާގައި ފުލުހުން އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ ކްރިސްޗޮފަގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްގެ މުވައްޒަފުންނަށް ބިރުދެއްކުމަށް އިރުޝާދުދީ، އެކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެކަން ރޭވި ކަމުގެ ތުހުމަތެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އަކީ ފުލުހުންނަށް ހުޅުމާލޭގައި ފްލެޓުތައް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުންޏެކެވެ.