28 Apr 2016, 11:55
އިލެކްޓޯނިކް ވޯޓިންއަކީ ހެކްކުރެވޭނެ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމް ތައާރަފް ކުރުމުން ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަނާމެދު ބޮޑު ވެގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން"އަށް މިއަދު ވިދާޅުވީ އިލެކްޓޯނިކް ވޯޓިން ތައާރަފް ކުރުމުގެ ކުރިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ރައްޔިތުން ވެސް އެކަމަށް ހޭލުންތެރިކުރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަށް ކުރި މަސައްކަތުން ނުވަ އަތޮޅެއްގެ ރައްޔިތުން އިލެކްޓޯނިކް ވޯޓިން އަށް ހޭލުތެރިކޮށް ނިމިފައިވާ ކަމަށެވެ.
އިލެކްޓޯނިކް ވޯޓިން ތައާރަފް ކުރުމުގެ ކުރިން ސިޔާސީ ޕާޓީތަކަށާއި ސްކޫލްތަކަށާއި ކައުންސިލްތަކަށް އެ ނިޒާމް އަލިއްލައަށް ތަޖުރިބާކުރުމުގެ ފުރުސަތުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިއީ ހެކްކުރެވޭނެ ނިޒާމެއް ނޫނޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީވޯޓިން އަޅުގަނޑުމެން ތައާރަފް ކުރާނަން. މި ނިޒާމު ތައާރަފް ކުރުމުން ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަނަށް ބޮޑުވެގެންދާނެ،" އަކުރަމް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޓޯނިކް ވޯޓިން ތައާރަފް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން އަންނަނީ ކުރަމުން ކަމަށް އަކުރަމް ވިދާޅުވި އެވެ.
އެގޮތުން ދުނިޔޭގެ އެކި އިލެކްޝަންސް ކޮމިޝަންތަކާއި ދުނިޔޭގެ އެކި ގައުމުތަކާއި ޚާއްސަކޮށް އޭޝިއާ ސަރަހައްދުގެ ގައުމުތަކާ އެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޓޯނިކް ވޯޓިން ތައާރަފް ކުރެވޭނީ ކަމާބެހޭ ގާނޫނު އިސްލާހުކޮށްގެން ކަމުގައިވާތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގާނޫނު އިސްލާހު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.