ފޭސްބުކް އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީ 1.5 ބިލިޔަން ޑޮލަރަށް އަރައިފި އެވެ.

ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ލިބިފައި ވަނީ 512 މިލިޔަން ޑޮލަރެވެ. އެހެން ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގެ އާމްދަނީ ވަނީ 1.5 ބިލިޔަނަށް އަރައިފަ އެވެ. މިއީ 195 ޕަސަންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، ފޭސްބުކް އިން ވަނީ އެ ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް ވެސް ބަދަލެއް ގެނައުމަށް ހުށަހަޅައިފަ އެވެ. ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްއަށް އޭނާގެ ފުރަތަމަ ދަރިފުޅު މީގެ ހަތަރު މަސް ކުރިން ލިބުމާ ގުޅިގެން، އޭނާ ބުނެފައި ވަނީ، ފޭސްބުކްގައި އޮންނަ، އޭނާ އާއި އޭނާގެ އަންހެނުން ޕްރިސިލާގެ ހިއްސާގެ 99 ޕަސަންޓު ވިއްކާލާނެ ކަމަށެވެ.

މިކަން ކުރުމަށް ނިންމާފައި ވަނީ، މާކް ޒަކަބާގަށް ފޭސްބުކްގެ ކޮންޓްރޯލު ދޫ ނުވާނެ ގޮތަކަށެވެ.

އެގޮތުން، ޒަކަބާގްގެ 99 ޕަސަންޓު ހިއްސާ ވިއްކުމަށް ހަމަޖެހިފައި ވަނީ، ކޮންމެ އެއް ހިއްސާއަކީ، އޭގެ ދެބައި ކުޅަ އެއްބައި އަގުގެ ދެ ހިއްސާގެ ގޮތުގައި، ތަފާތު ތިން ގިންތިއެއްގަ އެވެ.

ހިއްސާގެ އޮނިގަނޑަށް ފޭސްބުކްއިން ގެންނަން އުޅޭ މި ބަދަލު، މި އަހަރުގެ ޖޫން މަހު އޮންނަ ފޭސްބުކްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.