28 Apr 2016, 11:39
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 281 މިލިއަން ރުފިޔާގެ ސާފު ފައިދާއަކާ އެކު އަހަރުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓް ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 281 މިލއަން ރުފިޔާ އެވެ. އެއީ 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު 90 ޕަސެންޓްގެ ކުރިއެރުމެކެވެ.
ބޭންކުން އެ ރިޕޯޓް ނެރުނު އިރު ދާދިފަހުން ބޭންކުން ވަނީ ބޭންކުގެ 2015 ވަނަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހާމަކޮށްފަ އެވެ. އެ ހިސާބުތަކަށް ބަލާ އިރު ޖެހިޖެހިގެން ތިން ވަނަ އަހަރަށް ބޭންކުގެ ބޯޑުން ވަނީ ރިކޯޑް އަދަދަކަށް ހިއްސާގެ ފައިދާ ބަހަން ހުށަހަޅާފަ އެވެ. މާލީ ގޮތުން ބޭންކަށް ލިބެމުން އަންނަ ކުރިއެރުން 2016 ވަނަ އަހަރު ވެސް ކުރިއަރުމުންދާކަން ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ހާމަވެ އެވެ. އަދި ދޫކޮށްފައިވާ ލޯނުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މީގެ ކުރިން އެއް ކުއާޓަރެއްގައި ފައިދާ ނުވާވަރަށް ފައިދާވެފައިވާ އިރު، މިދިޔަ އަހަރު އެ ބޭންކުގެ ސާފު ފައިދާ ވެސް ވަނީ 136 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެ ބޭންކަށް 1.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރުގެ އެ ފައިދާއާ އެކު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން، ހިއްސާގެ ފައިދާގެ ގޮތުގައި 91.4 މިލިޔަން ރުފިޔާ ބެހުމަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ ހިއްސާއަކަށް 17 ރުފިޔާ އެވެ. ބީއެމްއެލް އިން ބުނާ ގޮތުގައި މިއީ ހިއްސާގެ ގޮތުގައި ބެހުމަށް ރިކޯޑު އަދަދެއް ޖެހިޖެހިގެން ހުށަހަޅާން ޖެހުނު ތިން ވަނަ ފަހަރެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކަށް މިދިޔަ އަހަރު ޖަމާ ކުރި ފައިސާ 14.1 ބިލިޔަން ރުފިޔާ އަށް އަރާ ކަމަށާއި އެއީ 16 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ.
ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ހިންގާ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމް މިހާރު ކުރިއަށްގެންދެ އެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި އާ ދެ ބްރާންޗް، ފަސް ސެލްފް ސާވިސް ބޭންކިން ސެންޓަރު، އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ބާރުއެޅުވުމުގެ ގޮތުން އާ ގްރީން ލޯން ފަންޑެއް ތައާރަފުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮންލައިންކޮށް ރައްކާތެރިކަމާ އެކު ފައިސާ ލިބޭނެ މަގުތަނަވަސްކޮށްދިނުމުގެ ގޮތުން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ވަނީ ތައާރަފްކޮށްފަ އެވެ.