28 Apr 2016, 11:22
މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑަބްލިއުއެސްސީގައި އަލިފާންރޯވި މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން އަންނަނީ އަދި ވެސް އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށާއި އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
އެތަނުގައި އަލިފާން ރޯވީ ކިހިނެތް ވެގެންތޯ ދެންނެވުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އެ ސަބަބު ތަހުގީގުން ހޯދިފައިވާކަން ވެސް ނުވަތަ ނޫންކަން ވެސް ހިއްސާކުރެވެން ނެތް ކަމަށެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެހާކަންހާއިރު އެމްޑަބްލިއުއެސްސީގެ ސުވިޗް ގިއާ ރޫމުގައި އަލިފާންރޯވުމުގެ ސަބަބުން ފެން އުފައްދަން ބޭނުންކުރާ އާލާތްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އެވެ.
އެ ހާދިސާއަށް ފަހު މާލެއަށް ފެންލިބެން ފެށީ ދެހަފްތާ ފަހުންނެވެ. އެ ހާދިސާގައި އެމްޑަބްލިއުއެސްސީ އަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޓަކައި ރާއްޖޭގެ އެކި ވިޔަފާރިވެރިންނާއި ބޭރުގެ އެކި ގައުމުތަކުން ދިން ފައިސާގެ އެހީގެ އަދަދު ޖުމްލަ 20 މިލިއަން ޑޮލަރަށް އަރަ އެވެ.