އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގެ އިހުމާލުން ގއ. މާމެންދޫ، މާނާގަލާ، ނާސިހާ ރަޝީދުގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީ އިން ބަލަން ފަށައިފި އެވެ.

އެ މައްސަލަ ހެލްތު މިނިސްޓްރީ އަށް އޭނާ ހުށައެޅުމުން ހެލްތު މިނިސްޓްރީން އޭނާ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ފަރުވާދިނުމުގައި ލަސްތަކެއްވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ނާސިހާގެ ފިރިމީހާ ޝިމްހާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެމީހުންގެ އަލަތު ދަރިފުޅު ނުތޮޅޭތީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކި އިރު ވިންދުހުރި ނަމަވެސް ދަރިފުޅު ނުތޮޅޭ ކަމަށާއި އެހެންކަމުން ހޮސްޕިޓަލުން ލަފާދިނީ ސިޒޭރިއަން ހެދުމަށް ވީހާ ވެސް އަވަހަކަށް އެޑްމިޓްކުރަން ކަމަށެވެ. ނަމަވެސް ފަހުން އެރޭ ދަރިފުޅު ތޮޅޭ ކަމަށް ބުނެ ސިޒޭރިއަން ފަސްކުރި ކަމަށާއި އެއާ އެކު ދެން މައުލޫމާތު ލިބުނީ ދަރިފުޅު ބަނޑަށް މަރުވި ވާހަކަ ކަމަށެވެ.

އައައިޖީއެމްއެޗް ހޮސްޕިޓަލަށް ބަލި މީހަކު ވައްދަނީ-- ސަން ފައިލް ފޮޓޯ

"ހެނދުނުންފެށިގެން ބޭބީ ނުތޮޅޭ ވާހަކަ އެމީހުންކައިރިބުނުމުން އެމީހުން[އައިޖީއެމްއެޗް] އެއްވެސް ވަރަކަށް އަޅާނުލާ ކަމަކަށް، ރަނގަޅުވާނޭ ކިޔާފައި ތިބީ." ޝިމްހާޒު ބުންޏެވެ.

ޝިމްހާޒު ބުނީ ސްކޭން ހެދުމުގައި މައްސަލަތަކެއް އުޅޭކަމަށްބެލެވޭ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ސުޕޯކްޕާސަން ތަސްލީމާ އުސްމާން މިއަދު ސަން އަށް ވިދާޅުވީ އެމައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެކޭސްގައި ހިމެނޭ ގިނަ އަދަދެއްގެ ބަޔާން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

މައްސަލަ ބަލަމުން އަންނާތީ މައްސަލައާ ގުޅޭ ގޮތުން ވަކިއެއްޗެއް ހާމައެއް ނުކުރަށްވަ އެވެ.