ޓެލްއަވީވް : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދިނުމަކީ ބޮޑުވެގެންވާ މޮޔަކަމެއް ކަމަށާއި މިކަންކުރުމަކީ އިސްރާއީލުގެ މުޅިޙަޔާތުގައިވެސް ހަދާނެ އެންމެބޮޑު ގޯސްކަމަށް އެޤައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ މާއީރު ދަޣާން ވިދާޅުވެއްޖެއެވެ.

ހިފާފައިވާ ޤުދްސުގެ ހިބްރޯ ޔުނިވަރސިޓީގައި ބޭއްވި އިސްރާއީލުގެ އަމްނާބެހޭ ސިންޕޯޒިޔަމެއްގައި ވާހަކަ ދައްކަވަމުން ދަޣާން ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ވައިގެ މަގުން ޙަމަލާތަކެއްދީގެން ހަލާކުކޮށްލެވޭވަރަށްވުރެ މާބޮޑު އަދި މާފުޅާ އަދި މާ ތަރައްޤީ ކޮށްފައިވާ ޕްރޮގްރާމެއްކަމަށާއި އީރާނުގެ ނިއުކްލިޔަރ ސިއްރު މަރުކަޒުތައްހުރީ އެޤައުމުގެ އެކިކަންކޮޅުތަކުގައިވާ ފަރުބަދަތަކުގެ އަޑީގައި ކަމުގައެވެ.

"ބިންމަތީގައި ފެންނަންހުރީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ތެރޭން ވަރަށް މަދުތަނެއް، އަދި އެއީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ މަދަނީ ބައެއްތަންތަން، ނިއުކްލިޔަރ ހަތިޔާރު ތަރައްޤީ ކުރުންފަދަ ޢަސްކަރީ ކަންކަމުގައި ބޭނުންކުރާ ސިއްރު ނިއުކްލިޔަރ މަރުކަޒުތައް އީރާނުން ބިނާކޮށްފައިވަނީ ފަރުބަދަތަކުގެ އަޑީގައި، ވައިގެ މަގުން އެތަންތަނަށް ޙަމަލާއެއް ނުދެވޭނެ، އަދި ޙަމަލާދިނަސް ކާމިޔާބެއް ނުލިބޭނެ" ދާދިފަހަކާ ޖެހެންދެން އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަޤާމުގައި ހުންނެވި ދަޣާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ސިއްރު ނިއުކްލިޔަރ މަރުކަޒުތައް އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީއަށް އެއްގޮތަކަށްވެސް ނުދައްކާ ކަމުގައެވެ. އަދި އެތަންތަން އީރާނުގެ އެކިކަންކޮޅުތަކުގެ ބިމުއަޑީގައި ވުމުން އެހުރިހާ ތަނެއް ހަލާކުކޮށްލުމަކީ މުސްތަހީލް ކަމެއް ކަމުގައެވެ. ނިއުކްލިޔަރ ޓެކްނޮލޮޖީގައި އީރާން ކުރިޔަށްގޮސްފައިވާ މިންވަރު ނޭންގޭ ކަމަށާއި "އީރާނުގެ ކިބާގައި ނިއުކްލިޔަރ ހަތިޔާރު ތަރައްޤީ ކުރުމަށްބޭނުންވާ ޓެކްނޮލޮޖީއާއި ސައެންސާއި ފައިސާގެ ޤާބިލްކަން އެބަހުރިކަމަށް" ދަޣާން ވިދާޅުވިއެވެ.

ބިންމަތީގައި ފެންނަންހުރި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ޢަސްކަރީ ޤާބިލްކަން އިސްރާއީލަށް ލިބިގެންވާ ކަމަށާއި މިކަން އިސްރާއީލަށް ކުރެވިދާނެ ކަމަށް ދަޣާން ވިދާޅުވިއެވެ. ނަމަވެސް އެތަންތަން ހަލާކުކޮށްލައިގެން އީރާނުގެ ނިއުކްލިޔަރ ސިއްރު ޕްރޮގްރާމަށް ގެއްލުމެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނަށް ޙަމަލާދީފިނަމަ އީރާނުންވެސް އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތައްފަދަ ޙއްސާސީ ތަންތަނަށް ޙަމަލާދޭނެކަން ކަށަވަރުވާ ކަމަށާއި މިކަމުގެ ސަބަބުން އީރާނާއި އިސްރާއީލާދެމެދު ވަރުގަދަ ހަނގުރާމާއެއްފެށޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް މިހަނގުރާމަ ނިމޭނެ ގޮތެއް ނުވަތަ ހަނގުރާމައިގެ ނަތީޖާ ބުނެދޭން ނޭންގޭ ކަމަށް ދަޣާން ވިދާޅުވިއެވެ.

އީރާނުންވަނީ އެޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީފިނަމަ ދުރުރާސްތާގެ މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއްދޭނެ ކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުގެ ކޮންމެ ހިސާބަކަށްވެސް ފޯރާފަދަ ކްރޫޒް މިސައިލާއި ބެލަސްޓިކް މިސައިލް އީރާނުން އަމިއްލަައަށް އުފައްދައެވެ.

މިބާވަތުގެ އެތަށް ހާސް މިސައިލެއް އީރާނުގެ ލަޝްކަރުތަކުގައި އެބަހުރިކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. މީގެހަތަރު ވަރަކަށް އަހަރުކުރިން ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތާދެކޮޅަށް އިސްރާއީލުން ފެށި ނާކާމިޔާބު ހަނގުރާމައިގާ އެޖަމާއަތުންވެސް އިސްރާއީލުގެ ރައްތަކަށް ހަތަރުހާސް މިސައިލް ފޮނުވާލާފައިވެއެވެ. މީގެތެރެއިން ގިނަ މިސައިލަކީ އީރާނުގެ އުފެއްދުން ކަމަށް އިސްރާއީލު ބުނެއެވެ.

އިސްރާއީލަކީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ސިއްރުން މެދުއިރުމަތީގައި ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވާ ހަމައެކަނި ޤައުމެވެ. ނަމަވެސް ހުޅަނގުގެ ބާރުގަދަ ޤައުމުތަކުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުގެ ޙިމާޔަތުގައި ފައިވިއްދާފައިވާތީ ނިއުކްލިޔަރ މައްސަލާގައި ވެސް އަދި ބައިނަލްއަޤްވާމީ މުޖްތަމައަށް ނުކިޔަމަންތެރިވވާ މައްސަލައާއި ފަލަސްތީނު ރައްޔިތުންނާއި ލުބްނާން ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އިސްރާއީލުން އަރައިގަންނަމުންދާ މައްސަލާގައިވެސް ބައިނަލްއަޤްވާމީ އެއްވެސް ފިއްތުމެއް އިސްރާއީލަށް ކުރިމައްޗެއް ނުވެއެވެ.

އިސްރާއީލުން ނިއުކްލިޔަރ އައްޑަނަ ބޭނުންކުރަނީ ފަލަސްތީނުގެ ބިންތަކުގެ އިތުރުން ލުބްނާނާއި ސޫރިޔާއާއި އުރުދުންފަދަ އަވަށްޓެރި ޢަރަބި ޤައުމުތަކުގެ ބިންތައްހިފައި އެބިންތަކުގައި ފައިހަރުކޮށްލުމަށް ބޭނުންވާ ބިރު އަރަބި ޤައުމުތަަކަށް ދެއްކުމަށެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)