28 Apr 2016, 11:36
މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު މިއަހަރު މާޗް މަހު ޗައިނާއިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މީގެ ކުރިން ދަށަށް ނުދާ ވަރަށް ދަށަށް ހިނގައްޖެ އެވެ.
ޗައިނާއަކީ ރާއްޖޭގެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމެވެ. ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު މީގެ ކުރިން ދަށަށް ނުދާ ވަރަށް ދަށަށް ދިޔަ ނަމަވެސް، ތަފާސް ހިސާބުތައް ދައްކާ ގޮތުން ވަކިވަކި ގައުމުތަކަށް ބަލާނަމަ މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ވެސް ޗައިނާ އިންނެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗް މަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 21،741 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗްމަހު 25،069 ފަތުރުވެރިން ވަނީ ޗައިނާ އިން ރާއްޖޭއަށް އައިސްފަ އެވެ. އެހެންކަމުން މިއަހަރު މާޗުގައި ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 13 ޕަސެންޓް ދަށެވެ.
ޗައިނާގެ މާކެޓް މާޗުގައި ދަށަށް ދިޔަ ނަމަވެސް، ޔޫރަޕްގެ ގައުމުތަކުން ފަތުރުވެރިން ރާއްޖެއަށް އައި އަދަދު ވަނީ ވަރަށް ބޮޑުތަން މަތިވެފަ އެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކުން ފަތުރުވެރިން އައި އަދަދު ގާތްގަނޑަކަށް 15 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ އަދަދުތަކަށް ވަނީ އިތުރުވެފަ އެވެ.
ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު މާޗް މަހު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޖަރުމަނުންނެވެ. އެގޮތުން އެ ގައުމުން މިއަހަރު މާޗްމަހު 13،268 ފަތުރުވެރިން އައިސްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު 8.7 ޕަސެންޓުގެ ކުރިއެރުމެކެވެ.
ދެ ވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޔޫކޭ އިންނެވެ. އެގައުމުން 19.9 ޕަސެންޓުގެ ކުރިއެރުމަކާ އެކު 11،095 ފަތުރުވެރިން އައިސްފައިވެ އެވެ.
އޭގެ އިތުރުން ރަޝިއާއިން 10.2 ޕަސެންޓުގެ ކުރިއެރުމަކާ އެކު 4461 ފަތުރުވެރިން އައިސްފައިވާ އިރު، ޑެންމާކް، ފްރާންސް އަދި ސްވެޑަން ފަދަ ގައުމުތަކުން ފަތުރުވެރިން އައި އަދަދުވެސް ވަނީ ގާތްގަނޑަކަށް 15 ޕަސެންޓް އިތުރުވެފަ އެވެ.
މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު، ޔޫއޭއީ ފިޔަވައި އެހެން ގައުމުތަކުން ފެބްރުއަރީ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.