މިހާރު ސޯޝަލްމީޑިއާ އަދި އެހެނިހެން މީޑިއާތަކުގައި ވެސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އަށް އަހަރުގެ އަންހެން ކުއްޖަކު ޤުރުއާން ހިތުދަސްކުރި ވާހަކަ އެވެ.

އިނގިރޭސި ވިލާތުގެ ލުޓަންއަށް އުފަން އަށް އަހަރުގެ މާރިޔާ އަސްލަމް އާ ހަވާލާދީ ބީބީސީ އިން ބުނީ، އޭނާ އެންމެ ފުރަތަމަ ޤުރުއާން ހިތުދަސްކުރަން ފަށާފައި ވަނީ އުމުރުން ފަސް އަހަރުގައި ކަމަށެވެ.

އެގޮތުން މާރިޔާ ޤުރުއާން ހިތުދަސްކޮށްފައި ވަނީ ޖުމްލަ ދެ އަހަރު ދުވަސްތެރޭގައި ކަމަށް މާރިޔާ އާ ހަވާލާދީ ބީބީސީ އިން ބުނެ އެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މާރިޔާ ބުނީ، މުސްލިމަކަށް ވީތީ ކޮންމެ މީހަކު ވެސް ގުރުއާން ކިޔަވަން ދަސްކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެން ޤުރުއާން ކިޔަވަން ވަރަށް ފަސޭހަ. އެހެންވެ ހިތުދަސްކުރަން ފެށީ،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މާރިޔާ ބުންޏެވެ.

މާރިޔާގެ އެ ހުނަރުގެ ބޭނުންކޮށްގެން އޭނާ ވަނީ ސީރިއާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ބޭނުންވާ އެތަކެއް ހާސް ޕައުންޑު ހޯދައިފަ އެވެ.

މާރިޔާގެ އެ ހުނަރު މުޅި ދުނިޔެ އަށް ދެއްކުމަށް އޭނާ ގެ މަންމަ އަންނަނީ "ހާފިޒާ މާރިޔާ އެންޑް މަމީ"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ވެސްް ހިންގަމުންނެވެ.

މައުލޫމާތު: ބީބީސީ