ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯ، ބްރަސެލްސް ސީފުޑް އެކްސްޕޯގައި ރާއްޖޭގެ ހަތް ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

ބެލްޖިއަމްގެ ބްރަސެލްސްގައި އަންގާރަ ދުވަހު ފެށި މި އެކްސްޕޯއަކީ، ރާއްޖޭގައި ބާނާ ކަނޑުމަހާއި ކަނޑުން ބާނާ ކާނާގެ އެހެން ބާވަތްތަކަށް ޕްރޮމޯޓު ކުރުމަށް ރާއްޖެއަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ރާއްޖެއަކީ، ވިލާތުގެ ގައުމުތަކަށް މަހާއި މަހުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓު ކުރާ އެއް ގައުމެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ހަތް ކުންފުންޏަކުން ވަނީ މި އެކްސްޕޯގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ސީޕްރިއާ މެރީން ފުޑްސް، އޯޝަން ހަންޓާ، ބިގްފިޝް އަދި މޯލްޑިވްސް މެރީން ފުޑްސް އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ، މި އެކްސްޕޯގައި ރާއްޖެ އިން ބައިވެރިވުމުގެ މަގުސަދަކީ، ރާއްޖޭގައި ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި ކުރާ މަސްވެރިކަމާއި އެފަދަ މަސްވެރިކަން ކޮށްގެން ބާނާ މަހުން އުފައްދާ ބާވަތްތައް ވިލާތުގެ ގައުމުތަކާއި އެހެނިހެން ގައުމުތަކުގައި މާކެޓުކޮށް ޕްރޮމޯޓު ކުރުން ކަމަށެވެ.