28 Apr 2016, 11:04
ދެހާސް ފަނަރަ ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ ވޯޓާސް އެޑިއުކޭޝަންގެ ޑިރެކްޓަރުގެ މަގާމުން ގ. މާލެހިޔާ 1803-1 މުހައްމަދު ޒާހިރު ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަލުން ވަޒީފާ އަށް ނުކުތުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޒާހިރާއި އިލެކްޝަންސް ކޮމިޝަނުން ވެފައިވާ އެއްބަސްވުން ބާތިލުކުރަން 20 އޮކްޓޫބަރު 2015 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށެވެ.
އިލެކްޝަންސް އާއި ޒާހިރުއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އަދާކުރުން ލާޒިމްވާ ހުރިހާ ޒިންމާތަކެއް އެއްބަސްވުމުގައިވާ ގޮތަށް އަދާކުރަމުން ގެންދިއުމަށް ސިވިލް ކޯޓުން ވަނީ އަންގާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވެފައިވާ އެއްބަސްވުން މެދުކެނޑުނު ދުވަސްތަކަށްވާ ފައިސާ ހަތްދުވަހުގެ ތެރޭގައި ޒާހިރުއާ ހަވާލުކުރުމަށް ވެސް ކޯޓުން ކުރި ހުކުމުގައި ވަނީ އަންގާފަ އެވެ. އެއީ ފެށޭ މޭ މަހުގެ އަށްވަނަ ދުވަހުގެ ކުރިންނެވެ.
އިލްކެޝަންސް ކޮމިޝަނުން އެއްބަސްވުން ބާތިލުކުރަން ފޮނުވި ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައެޅި ސަބަބު ހުކުމުގައި ބުނެފައެއް ނުވެ އެވެ.