28 Apr 2016, 09:59
އިސްލާމްއާބާދު (އޭޕްރިލް 28): ޕެނަމާ ޕޭޕާސްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ނަން ހިމެނުނީ އޮޅުމަކުން ކަމަށް އެ ލިޔުންތައް ލީކުކޮށްލި އިންޓަނޭޝަނަލް ކޮންޒޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އިން އިއްޔެ ބުނެފި އެވެ.
އައިސީއައިޖޭ އިން ބުނި ގޮތުގައި ބޮޑުވަޒީރުގެ ނަން ޕެނަމާ ޕޭޕާސްގައި ހިމެނުނީ އެޑިޓް ކުރުމުގެ ތެރޭގައި އޮޅުމަކުންނެވެ. އެ ޖަމްއިއްޔާއިން މިހާރު ވަނީ ޕެނަމާ ޕޭޕާސް އިން ނަވާޒް ޝަރީފްގެ ނަން ފޮހެލާފަ އެވެ. އަދި އޭނާގެ ނަމުގައި އެއްވެސް އޮފްޝޯ ކުންފުންޏެއް ހަދާފައި ނުވާ ކަމަށް ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ނަވާޒް ޝަރީފް ވަނީ ކޮރަޕްޝަނުގެ ކުށް ސާބިތުވެއްޖެނަމަ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފައްދަވަން ޕާކިސްތާނުގެ ޗީފް ޖަސްޓިސްގެ ފަރާތުން އެދިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕެނަމާ ޕޭޕާސްގައި ހާމަކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރަން ޖުޑީޝަލް ކޮމިޝަނެއް އުފެއްދެވުމަށް ޗީފް ޖަސްޓިސްގެ ފަރާތުން އެދޭނެ ވާހަކަ އިއުލާންކުރަން،" ނަވާޒް ޝަރީފް ވިދާޅުވެފައިވެ އެވެ.
ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އާއްމުކުރި ބަޔާނެއްގައިވާ ގޮތުން، ބޮޑުވަޒީރުގެ މިލްކިއްޔާތުގައިވާ މުދަލުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެއް ބިލިއަން ރުޕީސް [ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު] އިތުރުވެފަ އެވެ. (ޒީނިއުސް)