28 Apr 2016, 10:15
އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމްގެ އާއިލާގެ ރުހުމެއް ނެތި ސިޔާސީ ޕާޓީއެއް ހަދައި ބޭނުން ކުރާ މައްސަލަ ކަލާމްގެ އާއިލާ އިން ކުށްވެރިކޮށްފި އެވެ.
ޑރ. އަބްދުލްކަލާމުގެ ކުރީގެ ސައިންޓިފިކް އެޑްވައިޒަރު ވީ ޕޮންރާޖު، ވަނީ ޑރ. ކަލާމުގެ ނަމުގައި "އަބްދުލްކަލާމް ވިޝަން އިންޑިއާ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ.
ޑރ. އަބްދުލްކަލާމަކީ، ޓަމިލް ނާޑޫގެ ރަމޭޝްވަރަމް ކިޔާ ޓައުނަކަށް ނިސްބަތްވާ ބޭފުޅެކެވެ.
ކަލާމްއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމުގައިވާ، އޭޕީޖޭ ހާޖާ ސައީދު އިބްރާހިމް ހިންދުސްތާން ޓައިމްސް އަށް ވިދާޅުވީ، ޑރ. އަބްދުލްކަލާމުގެ ނަން ނަހަމަ ގޮތުގައި އަމިއްލަ ބަޔަކު މީހުން ބޭނުންކުރަމުންދާ ކަމަށާއި އެކަމާ އެ އާއިލާ އިން ވަރަށް ހިތާމަކޮށް، ނުރުހުން ފާޅުކުރާ ކަމަށެވެ.
އޭޕީޖޭ ހާޖާ ސައީދު އިބްރާހިމް ވިދާޅުވީ ޑރ. ކަލާމުގެ ކަންކަން ދިރުވައި އާލާ ކުރުމަށް ޓަމިލް ނާޑޫގައި އޭނާ "ޑޭޝިއާ ޖަނަނަޔަކަ ކަޗި"ގެ ނަމުގައި ޕާޓީއެއް އުފައްދާފައިވާ ކަމަށާއި ޑރ. އަބްދުލްކަލާމުގެ ނަން ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން އެ ޕާޓީ އިން ހުއްޓުވުމަކަށް ގެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީގެ ސިޔާސަތުތަކަށް ވާނީ، ޑރ. އޭޕީޖޭ އަބްދުލްކަލާމުގެ ސިޔާސަތުތަކާއި ވިސްނުންފުޅުތައް ކަމަށާއި ދެން އެންމެ އަވަހަށް ޓަމިލް ނާޑޫގެ ގާނޫނު ހަދާ މަޖިލީސް އިންތިޚާބު ކުރުމަށް ބާއްވާ އާންމު އިންތިޚާބުގައި އެ ޕާޓީ އިން މަދުވެގެން ފަސް ކެންޑިޑޭޓަކު ކުރިމަތިލުން ކަމަށެވެ.
ސައީދު އިބްރާހީމަކީ އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ޓަމިލް ނާޑޫ ގޮފީގެ ކުރީގެ ނައިބު ރަޢީސެވެ. ނަމަވެސް ޑރ. އަބްދުލްކަލާމް އަވަހާރަވުމަށް ފަހު، އެމަނިކުފާނުގެ ގެކޮޅު ތައުލީމުގެ މަރުކަޒަކަށް ހެދުމަށް އޭނާ ހުށަހެޅި ހުށަހެޅުން ޓަމިލް ނާޑޫގެ ސަރުކާރުން ބަލައިނުގަތުމުން، އޭނާ އެ ޕާޓީ އިން ވަނީ ވަކިވެފަ އެވެ.
މަސްދަރު: ޓައިމްސް އޮފް އިންޑިއާ