ޗެމްޕިއަންސް ލީގުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަޓުވާލި ސްޕެއިން ކްލަބު އެތުލެޓިކޯ މެޑްރިޑް، ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑަށް ލީޑު ހޯދައިދިނުމަށް ފަހު ސައުލް އުފާފާޅުކުރަނީ: ބަޔާން މިއުނިކް އަތުން އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީ އެތުލެޓިކޯއިން ވަނީ އެ ޓީމުގެ ލަނޑުޖަހައި، ލީޑު ހޯދައިފަ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި އޮގަސްޓޯ ފެނާންޑޭޒް ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސައުލް ނިގޭޒް އެވެ.

އެ ލަނޑަށްފަހު ބަޔާންއިން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޑޭވިޑް އަލަބާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ އެތުލެޓިކޯ --- ފޮޓޯ: އޭޕީ

މެޗުގެ 29 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ގްރީޒްމަން ހޯދަން މަސައްކަތް ކުރި ބޯޅަ، އޭނާއަށް ލިބުމުގެ ކުރިން ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ލަނޑުން އެތުލެޓިކޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ބަޔާންއިން އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ގޯލާ 30 ޔާޑު ދުރުން އަލަބާ ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ދެ މިނެޓްފަހުން ވެސް ބަޔާންއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކޯނަރަކުން ނެގި ހުރަހަކުން ހަވީ މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ، އެތުލެޓިކޯގެ ގޯލްކީޕަރު ޖޭން އޮބްލެކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ އެތުލެޓިކޯ --- ފޮޓޯ: އޭޕީ

މެޗުގެ 74 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް ބަޔާނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބަޔާންގެ ޗިލީ މިޑްފީލްޑަރު އާޓުރޯ ވިޑާލް އުފެއްދި ހަމަލާގެ ހުރަހަކަށްވީ ވެސް އޮބްލަކް އެވެ. އޭގެ ދެ މިނެޓުފަހުން ކައުންޓާ އެޓޭކެއްގައި އެތުލެޓިކޯއިން ނުރައްކާކުރި އެވެ. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ފެނާންޑޯ ޓޮރޭޒް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ރީބައުންސް ބޯޅައިން ކޮކޭ އުފެއްދި ހަމަލާ، ކީޕަރު ނޯޔާ ވަނީ ހޯދައިފަ އެވެ.

ސެމީގެ ދެ ވަނަ ލެގުގައި ބަޔާންގެ ދަނޑުގައި އެތުލެޓިކޯއިން ބަޔާންއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.