28 Apr 2016, 09:21
އަޑިޕާކްގައި ޖަހާފައި ހުރި ދިވެހި ރާއްޖޭގެ އަޑުގެ އެންޓަނާތަކުގެ ތެރެއިން އެންޓަނާއެއް ވެއްޓި އެ ސްޓޭޝަން އިން މުޅި ރާއްޖެއަށް ހިދުމަތް ފޯރުކޮށްދިނުން މެދުކެނޑިއްޖެ އެވެ.
މިހާރު ބްރިޖުގެ މަޝްރޫ ކުރިއަށް ގެންދާ ސަރަހައްދުގައި ޖަހާފައިވާ އެތަނުން އެންޓަނާއެއް ވެއްޓުނުކަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ވެރިއަކު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް ހާމައެއް ނުކުރެއެވެ.
ޕީއެސްއެމްގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ ރަމީޒު "ސަން"އަށް މިއަދު ވިދާޅުވީ އެންޓަނާއަކަށް މައްސަލަ ދިމާވެ މީޑިއަމް ވޭވްގެ މެދުވެރިކޮށް ހިދުމަތް ދިނުމަށް މައްސަލަތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް އެފްއެމް މެދުވެރިކޮށް މުޅި "ރާއްޖެއަށް ކަހަލަ ގޮތަކަށް" އަޑުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ރަމީޒު ވިދާޅުވިއެވެ.
"އެންޓަނާއެއްގެ މައްސަލަ އެބަ އުޅޭ، ބައެއް ޓެކްނިކަލް މައްސަލަ ދިމާވެގެން މިއުޅެނީ، އޭގެ ސަބަބުން ޓެރަސްޓީރިއަލް މީޑީއަމްވޭވް މެދުވެރިކޮށް ދޭ ޓެރަސްޓީރިއަލް ހިދުމަތައް ކޮންމެވެސް އަސަރެއްކޮށް އެހައްލުކުރުމުގެ މަސައްކަތް ހިނގަމުން އެބަދޭ،" ރަމީޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށެވެ.
އަޑިޕާކްގައި ޖަހާފައިހުރި އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވެސް މީގެ ކުރިން ވަނީ އަންގާފަ އެވެ.