އިސްލާމް އާބާދު : އުސާމާ ބިންލާދިން އަވަހާރަ ކޮށްލުމުގެ އޮޕަރޭޝަން ކަމަށްބުނެ ޕާކިސްތާނުގެ އަބިތް އާބާދުގައި އެމެރިކާ ޢަސްކަރީ އޮޕަރޭޝަން ހިންގިވަގުތު ޕާކިސްތާނުގެ ވައިގެ ސިފައިން އެކަމާއަޅާނުލީ ގަސްދުގައި ކަމަށް ބުނެ ބައިނަލްއަޤްވާމީ މީޑިޔާގައި ފަތުރަމުންގެންދާ ޚަބަރުތައް ޕާކިސްތާނުން ދޮގުކޮށްފިއެވެ.

ޕާކިސްތާނުގެ ވައިގެ ސިފައިން ލަޝްކަރުތަކުން އިއްޔެ ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާ ޢަސްކަރީ އޮޕަރޭޝަން ހިންގިވަގުތު ޕާކިސްތާނުގެ ވައިގެ ސިފައިންގެ ޙަރަކާތްތައް ގަސްދުގައި ހުއްޓާލާފައެއްނުވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އުސާމާ ބިންލާދިން އަވަހާރަ ކޮށްލުމުގެ ނަމުގައި ޕާކިސްތާނުގެ އަބިތް އާބާދުގައި މިމަހުގެ 2 ވަނަ ދުވަހު އެމެރިކާ ހިންގި ކަމަށްބުނާ ޢަސްކަރީ އޮޕަރޭޝަން ހިންގީ ޕާކިސްތާން ސަރުކާރަށް ސިއްރުންކަމަށް ވިދާޅުވެ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤު ކިޔާނީ ވަނީ އެޤައުމުގެ ސިފައިންނާއި ޖާސޫސީ އިދާރާއަށް ސިއްރުން އެމެރިކާ މިކަންކުރި ގޮތުގެ ތަޙްޤީޤެއް ހިންގުމަށް އަމުރުކުރައްވާފައެވެ.

މިމައްސަލާގައި ޕާކިސްތާނާއި އެމެރިކާގެ ގުޅުންތައްވެސް މިހާރުވަނީ ގޯސްވެފައެެވެ. ޖެނެރަލް އަޝްފާޤު އިއްޔެވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ އާ ބައްދަލުކުރައްވައި އެމެރިކާ ިސިއްރު އޮޕަރޭޝަން ހިންގިގޮތުގެ ތަޙްޤީޤީ ރިޕޯޓެއް އެދެބޭފުޅުންނަަށް ވަރަށް އަވަހަށް އަރުވާނެކަން ހާމަކުރައްވާފައެވެ.
މިމައްސަލާގައި ޕާކިސްތާނުގެ ރައްޔިތުން އެޤައުމުގެ އިސްވެރިންދެކެ ވަރަށް ބޮޑަށް ރުޅިއައިސް، ޒަރުދާރީއާއި ގީލާނީގެ އިސްތިއުފާއަށް ގޮވާލައި ރައްޔިތުންވަނީ މުޒާހަރާކުރަން ފަށާފައެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ޖާސޫސީ މަސްއޫލުވެރިންނަށް އެނގިވަޑައިގަނެގެން އުސާމާބިންލާދިން ޕާކިސްތާނުގައި ހަތްއަހަރު އަމާންކަމުގައި ދިރިއުޅުއްވި ކަމާއި މިހާދިގުމުއްދަތެއްގައި އޭނާ ޕާކިސްތާނުގައި އުޅުއްވިއިރު ޕާކިސްތާނުގައި ސިއްރިޔާތުގައި ޙަރަކާތްތެރިވި އެމެރިކާގެ ޖާސޫސުންނަށްވެސް އުސާމާގެ ހިލަމެއް ވެފައިނުވާ ކަމަށް ބުނާ ރިޕޯޓްތައް މިހާރުވަނީ ފެންމަތިވެފައެވެ.

އެމެރިކާވަނީ އުސާމާ ޕާކިސްތާނުގައި ދިރުއުޅުއްވީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ޙިމާޔަތުގައި ކަމަށް ތުހުމަތުކޮށްފައެވެ. އުސާމާގެ ހުވަފަތް އަނބިކަނބަލެއްކަމަށް ޕާކިސްތާނުން ސިފަކުރާ އަމަލް އަހްމަދު ޢަބްދުލްފައްތާޙް ހާމަކުރެއްވި ގޮތުގައި އަބިތް އާބާދުގައި އުސާމާ ދިރިއުޅުއްވާތާ މިހާރު ދެއަހަރާއި ބައި ވެފައިވާއިރު އޭގެ ކުރިން ޕާކިސްތާނުގެ ހެރިޕޫރު ސަރަޙައްދުގައި ފަސްއަހަރުވަންދެން އުސާމާ ވަނީ އެމެރިކާއަށް ހިލަމެއްނުވެ އަމާންކަމުގައި އޭނާގެ ޢާއިލާއާއެކު ދިރިއުޅުއްވާފައެވެ.

އުސާމާގެ އަވަހާރަކޮށްލި ކަމުގެ ހެއްކެތް ދެއްކިފައިނުވާ އެމެރިކާ އިއްޔެވަނީ އުސާމާ ދިރިއުޅުއްވި ގެއިން ފަސް ވީޑިޔޯ އެއް ފެނުނު ކަމަށްބުނެ އެވީޑިޔޯތައް ޢާންމުކޮށްފައެވެ. ނަމަވެސް އެވީޑިޔޯ ތަކުގައި އެއްވެސް އަޑެއް ނެތްކަމަށް ޚަބަރު ލިބެއެވެ.

އުސާމާ އަވަރާކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފެއްތީ އެހަށިގަނޑު ވަޅުލުމުގެ ހުއްދަދޭނެ ޤައުމެއް ނޯންނާނެތީ ކަމަށް އެމެރިކާ ބުނިނަމަވެސް މިކަމަށް އެދި އެމެރިކާ އެއްވެސް ޤައުމަކަށް ހުށަހަޅާފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.
އެމެރިކާއަކީ ބޭނުން ޤައުމަކަށް ގަދަބާރުންއަރައި އެޤައުމެއް އަތްދަށުލައި އިސްތިޢްމާރު ކުރުމުގެ ހަރުކަށި އިސްތީޢްމާރީ ސިޔާސަތެއް ގެންގުޅޭ ޤައުމަކަށްވާއިރު އުސާމާ ސިއްރިޔާތުގައި ވަޅުލާނެ ތިންފޫޓް ހަފޫޓުގެ ބިންކޮޅެއް ދުނިޔޭގެ ހިކިފަސްތަނުން އެމެރިކާއަށް ނުލިބިދާނެ ކަމުގެ ސުވާލު ބައެއް ފަރާތްތަކުންވަނީ އުފައްދާފައެވެ. (ނޫސްއެޖެންސީތައް)