28 Apr 2016, 14:49
އަންހެނުން ހިމާޔަތްކޮށް ރޭޕު ކުރުން ހުއްޓުވުމަށް އަންނަ އަހަރުން ފެށިގެން މޮބައިލް ފޯނުތަކުގައި "ޕެނިކް ބަޓަން" އެއް ހިމަނަން ޖެހޭ ގޮތަށް އިންޑިއާ އިން ނިންމައިފި އެވެ.
އެގޮތަށް ނިންމައި އެކަން އިއުލާނުކޮށްފައި ވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އިންނެވެ.
މިނިސްޓްރީގެ ނިންމުމާއެކު 2018 ވަނަ އަހަރުގެ ކުރިން ފޯނު އުފައްދާ ކުންފުނިތަކު ހުރިހާ ފޯނެއްގައި ޖީޕީއެސް ވެސް ހިމަނަން ޖެހޭނެ އެވެ.
ގިނަ ފޯނުތަކުގައި މިހާރުވެސް 'ޕެނިކް ރެސްޕޯންސް' ފީޗަރ ހިމެނުނު ނަމަވެސް އިންޑިއާގައި އެކަށީގެންވާ އެމަޖެންސީ ކޯލް ސިސްޓަމެއް ގާއިމުކުރެވިފައެއް ނުވެ އެވެ.
ސަރުކާރުގެ ނިންމުމަށް އަމަލުކުރަން ފަށާއިރު، އެމެޖެންސީ ނަންބަރެއްގެ ގޮތުގައި މުޅި އިންޑިއާގައި ބޭނުންކުރާނީ 112 ކަމަށް ހަބަރުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުން، "ޕެނިކް މޯޑް" އެކްޓިވޭޓް ވާނީ ފޯނުގެ ޕަވަރ ބަޓަން އަށް ވަރަށް އަވަހަށް ތިން ފަހަރު ފިއްތާލުމުންނެވެ. އޭރުން ޓަޗް ސްކްރީން ނުހުންނަ ފޯނުތަކަށްވެސް އެ ހިދުމަތް ދެވޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޕެނިކް ބަޓަން އެކްޓިވޭޓް ކުރުމާއެކު، އެންމެ ކައިރީގައި ހުރި ސެކިއުރިޓީ އެޖެންސީއަކަށް ސިގްނަލެއް ދާނެ އެވެ.
އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް އިންޑިއާއިން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަ މީހުން ވެގެން އަންހެނަކު ރޭޕު ކުރި މައްސަލައަށް ފަހު އެވެ. ރޭޕުގެ ޝިކާރައަކަށްވި އަންހެން މީހާ ވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.