28 Apr 2016, 01:11
މަކަރާއި ހީލަތުން ހޯދާފައިވާ ދެ މިލިއަނެއްހާ ރުފިޔާ ހިފައިގެން ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، ފުލުހުންނަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓަށް ފުރަން ގޮސް ހުއްޓައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އޭނާ އަތުލާފައިވާ ފައިސާގެ އަދަދު ދެ މިލިއަނަށް އަރާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.