27 Apr 2016, 23:27
އެމެރިކާގެ ރިޔާސީ ގަނޑުވަރު އަދި ރައީސްގެ އޮފީސް ހުންނަ ވައިޓް ހައުސްގެ ގޯތިތެރެއަށް، މީހަކު އެއްޗެހިތަކެއް އުކުމުގެ ސަބަބުން ވައިޓް ހައުސް ބަންދު ކޮށް، މުޅި ސަރަހައްދު އެލާޓަށް ގެނެސްފި އެވެ.
އެމެރިކާގެ ސީކްރެޓް ސާވިސް އޭޖެންސީއިން ބުނީ، ވައިޓް ހައުސްގެ އުތުރު ފެންސުން، އެ ތަނުގެ ގޯތީގެ ތެރެއަށް މީހަކު އޭނާގެ އަމިއްލަ ތަކެތި އުކާފައިވާ ކަމަށާއި، އޭނާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ވައިޓްހައުސް "ލޮކްޑައުން" އަކަށް ދިޔަ އިރު، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ހުންނެވީ ވައިޓް ހައުސްގެ އެތެރޭގަ އެވެ.
ވައިޓްހައުސް ބަންދުކޮށް، އެތަނުގެ ސެކިއުރިޓީ އެންމެ މައްޗަށް ޖެއްސި އިރު، ސީކްރެޓް ސާވިސްއިން މިހާރު ދަނީ، ވައިޓްހައުސްގެ އެތެރެއަށް މީހަކު އެއްޗެހި އުކި ދިމާ ބަލައި ފާސްކުރަމުން ކަމަށާއި، ފާސްކޮށް ނިމޭހާ އަވަހަކަށް ވައިޓްހައުސް އަލުން ހުޅުވާނެ ކަމަށް ސީކްރެޓް ސާވިސް އޭޖެންސީން ބުންޏެވެ.
އިއްޔެ ވެސް ވައިޓްހައުސް ކައިރީގައި ހާދިސާއެއް ހިނގުމުގެ ސަބަބުން އެތަން ވަނީ ބަންދުކޮށްފަ އެވެ. ވައިޓް ހައުސް ބަންދު ކުރީ، އެސަރަހައްދުގައި ދުވެފައި ދިޔަ މީހަކު، ވައިޓް ހައުސް ކެމްޕަހުގެ ތެރޭގައި ހުންނަ އެއިސެންހަވާ އެގްޒެކެޓިވް އޮފީސް ބިލްޑިންގގެ ފާރުގައި ޖެހުމުގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި އޭނާ ދުވެފައި ދިޔައީ ތަނަކުން ވައްކަން ކުރުމަށްފަހު އެވެ. އޭނާ ވެސް އިއްޔެ ސީކްރެޓް ސާވިސްއިން ހައްޔަރު ކުރި އެވެ.