27 Apr 2016, 21:33
މެލޭޝިޔާގައި ބާއްވާ 85 ވަނަ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިންގ އެސެންބްލީގައި ދިވެހިރާއްޖޭގެ ދެ ގާރީއަކު ބައިވެރިވެއްޖެ އެވެ.
އަންނަ މެއި މަހުގެ ދެވަނަ ދުވަހުން ހަތް ވަނަ ދުވަހަށް މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި އޮންނަ އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އަލްޤާރީ އިބްރާހީމް ޝިފާޢު އާއި އަލްޤާރިއާ ނާޝިދާ މުހައްމަދު އެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ދެ ބައިވެރިން ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު އެވެ.
އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާޤިރު ވަނީ މިއަދު އެ ދެ ބައިވެރިންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ބައިނަލްއަގުވާމީ ޤުރުއާން ކިޔެވުމުގެ މުބާރާތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުއްالله ޔާމީން އަބްދުލް ގައްޔޫމް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވާ މުބާރާތްތަކެއް ކަމުގައި ވަނީ ވިދާޅުވެފަ އެވެ.

މެލޭޝިޔާގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދެ ޤާރީންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވަނީ
އަދި އެފަދަ މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ހުރިހާ ބައިވެރިންނަށް ވެސް ރައީސް ހިތްވަރުދެއްވާ ކަމަށާއި ދުނިޔޭގެ ކޮންމެ ދިމާއަކަށް ދިޔަކަމުގައި ވީނަމަވެސް އަހަރުމެންނަކީ މުސްލިމުންކަން ހަންދާން ކުރުމަށާއި އިސްލާމީ ރިވެތި އާދަތައް ދޫކޮށްނުލުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެބައްދަލުވުމުގައި މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ހުރި ދަތިތަކާއި ބެހޭ ގޮތުންވެސް ބައިވެރިންނާއި މިނިސްޓަރާ މަޝްވަރާ ކުރެވުނެވެ.
އަލްޤާރީ އިބްރާހީމް ޝިފާއު އެ މުބާރާތުގައި ބައިވެރިވެފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ. އަލްޤާރިއާ ނާޝިދާ މުހައްމަދު ބައިވެރިވެފައިވަނީ ނުބަލައި ކިޔެވުމުގެ ގޮފީގަ އެވެ. ދެބައިވެރިން ވެސް މުބާރާތުގެ މުޤައްރަރަކީ މުޅި ޤުރުއާނެވެ.
މުބާރާތުގައި ބައިވެރިވާ ދެ ބައިވެރިންގެ ތެރެއިން އިބްރާހީމް ޝިފާޢުއަކީ މީގެ ކުރިންވެސް ގިނަ ފަހަރުމަތިން ބައިނަލްއަގުވާމީ ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ބައިވެރިއެކެވެ. އެގޮތުން މީގެ ކުރިން ލީބިޔާގައި ބޭއްވި ބޮޑު ޤުރުއާން މުބާރާތަކުން ބައިވެރިވި ގޮފިން މުޅި ދުނިޔެ އިން ހަތް ވަނަ ޝިފާއު ވަނީ ހޯދާފަ އެވެ.
މިފަހަރުގެ މުބާރާތުގައި ދުނިޔޭގެ 87 މުސްލިމް ގައުމު ވާދަކުރާ އިރު މީގެ ކުރިން އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ އެންމެ ގަދަ ދިހަ ބައިވެރިންގެ ތެރޭގައި ދިވެހި ބައިވެރިން ހިމެދިފައިވެއެވެ.
އެ މުބާރާތް މެލޭޝިއާގެ ގައުމީ ޓީވީ ޗެނަލުން ލައިވް ކުރާނެ އެވެ.