07 May 2011, 22:05
11:46 މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗާ ދިމާލަށް މިސްރާބު ޖަހައިފި އެވެ. ބައިވެރިން ޖަންކްޝަންގައި ތިބުމަށް ކުރިން ފުލުހުންނާ އެކު ކޮށްފައިވާ މަޝްވަރާ އަށް ފަހު ޖަންކްޝަނުގައި ތިބުމަށް އެއްބަސްވެފައި ވަނީ 20 މިނިޓެވެ.
11:42 މަޝްވަރާތަކަށް ފުރުސަތު ދިނުމަށް މުޒާހަރާ ހަފުތާއަކަށް މެދުކަނޑާލައިފި އެވެ. އެކަން އިއުލާން ކުރީ ޒުވާނުންގެ ފަރާތުން ވާހަކަ ދެއްކި ޒުވާނެކެވެ. އޭނާ ބުނީ ދެން މުޒާހަރާ ކުރާނީ ސަރުކާރާ އެކު ކުރާ މަޝްވަރާތަކަށް ފަހު އެކަށީގެންވާ ނަތީޖާއެއް ނުނެރިވިއްޖެ ނަމަ، އަންނަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.
11:30 މުޒާހަރާގެ ބައިވެރިން ޖަންކްޝަން ކައިރިއަށް ގޮސް މުޒާހަރާ ކުރަންފަށައިފި އެވެ. ރަޔާޓް ގިއަރުގައި ތިބި ފުލުހުން އަސްރަފީ ބްކްޝޮޕް ކުރިމަތީގައި ވަނީ ރުކުރުވާލައިފަ އެވެ.
11:24
މުޒާހަރާގެ ބައިވެރިން މަޖީދީމަގު ނޭޝަނަލް ލައިބްރަރީއާ ހަމައަށް ހިނގައްޖެ އެވެ. އެއްވެސް ހުރަހެއް ނެތެވެ. މަގުތަކުގައި ފޯރިމަރަމުން ދަނީ ވެސް އަންހެން ފުލުހުންނެވެ.
11:10 މުޒާހަރާގެ ބައިވެރިން ސޯސަންމަގާ އަރައި ހަމަވެއްޖެ އެވެ. ފުލުހުންގެ އެއްވެސް ހުރަހެެއް ނެތެވެ،
އަދި މުޒާހަރާގެ ކުރީ ސަފުގައި ސިޔާސީ އެއްވެސް މީހަކު ނެތެވެ.
11:04 ޒެޑް ޑީއާރުޕީގެ އުމަރު ނަސީރު ވިދާޅުވީ ފުލުހުން އެއްވެސް ވަރަކަށް މުޒާހަރާ އަށް ހުރަސްނާޅާނެ ކަމަށް ބުނެފައިވާ ކަމަށް.
11:00 މުޒާހަރާގެ ބައިވެެރިން މަޖީދީމަގުން ޖަންކްޝަން ކަންމައްޗަށް ނައްޓާލައިފި.
10:42 ޑޮކްޓަރު ޖަމީލު ވިދާޅުވީ ޒުވާނުންނަށް ސަރުކާރުގެ އަޑު އިއްވިއްޖެ ކަމަށާއި ސަރުކާރުން ފުރަތަމަ ފަހަރަށް ބަލި ގަބޫލުކޮށްފި ކަމަށެވެ. އަދި މިހާރު ސަރުކާރުގެ އޮފް ބޭރުދުނިޔޭގައި ކެނޑިފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
10:36 ތަސްމީން ވިދާޅުވީ އިއްޔެ އެމްޑީޕީ މުޒާހަރާގައި ބައިވެރިވީ މި ސަރުކާރުގައި ބޮޑެތި އާއިލާގެ މީހުން ކަމަށެވެ.
10:32 ގައުމީ ޕާޓީގެ ޑރ. މުހައްމަދު ޖަމީލު މުޒާހަރާއާ ގުޅިވަޑައިގެންފި.
10:25 ތަސްމީން ވާހަކަ ދައްކަވަން ފައްޓަވައިފި. ތަސްމީން ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވެ، ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ޒުވާނުން ކުރާ މުޒާހަރާގެ އަޑު ސަރުކާރަށް އިއްވިއްޖެ ކަމަށް.
10:00 ނުވަ ވަނަ މުޒާހަރާ އާޓިފިޝަލް ބީޗުގައި ފަށައިފި އެވެ. ނަމަވެސް މާ ބޮޑު ހަރަކާތެއް އަދި ނެތެވެ.
މުޒާހަރާގައި ބައިވެރިވާ ޒުވާނުން ބުނަނީ މާދަމާ ސަރުކާރާ ވާހަކަ ދައްކަން ދައުވަތު ލިބިފައިވާ ކަމަށާއި ނަމަވެސް ވާހަކަ ދެއްކިއަސް އަމަލީ ސިފަ ނާންނަ ނަމަ މުޒާހަރާ ކުރިއަށް ދާނެ ކަމަށް.